12 Sep 2013, 17:38
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އަށް އިއުތިރާފުވެއްޖެ ނަމަ ޑްރަގް ކޯޓަށް މައްސަލަ "ދާނެ" އޭނާގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެއްޖެ އެވެ. ޑްރަގް ކޯޓުގެ މަސައްކަތަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ފޮނުވުމެވެ. އެއީ މަސްތުވާތަކެތި ބޭނުން ކުރުމުން ލިބޭ އަދަބު ލުއިކޮށް، އަލުން މުޖުތަމައުއަށް ގެނައުމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ އުސޫލުގައިވާގޮތުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ދައުވާ އަށް އިއުތިރާފުވެއްޖެ ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ގެންދިޔުމަށް ފަހު ޑްރަގް ކޯޓަށް ފޮނުވާނެ ކަމަށެވެ. ޑްރަގް ކޯޓަށް ޖާބިރުގެ މައްސަލަ ފޮނުވައިފި ނަމަ އެ ކޯޓުން ދެން އޭނާ ފޮނު ވާނީ މަސްތުވާތަކެތިން ދުރުވުމަށް ރިހެބަށެވެ.
ދައުވާ އަށް އިންކާރު ކޮށްފައި ވަނިކޮށް ހެކީންގެ ހެކި ބަހުން ސާބިތުވެއްޖެ ނަމަ ޖާބިރުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގައި ބުނަނީ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމަށް ޓަކައި ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން، އެކަމަށް އިންކާރުކޮށްފި ނަމަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
ނަމަވެސް ޖާބިރުގެ މަޖިލީހުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އެއް އަހަރާއި ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި ޖާބިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން އެންގުމުން ކަނޑައެޅިގެން ޖާބިރު އެ ކަމަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.
ބަނގުރަލުގެ ދައުވާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި އިތުރު ބަޔަކާ އެކު ޖާބިރު ހުއްޓައި ފުލުހުން އެ ރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް އެ ރަށުގެ އުތުރު ފަރާތުގައި ބާއެއް ގޮތަށް ހަދާފައިވާ ހަޓެއް ކައިރިން ބަނގުރާ ތައްޓެއް ހިފައިގެން ޖާބިރު ހުއްޓައި ފުލުހުންނަށް ފެނުނު ކަމަށެވެ.
ބަނގުރާ ތައްޓެއް ހިފައިގެން ހުއްޓާ ފުލުހުން ގޮސް އޭނާގެ އަތުގައި ހިފަހައްޓައި އެތަނުގައި ހުރި މޭޒެއްގެ މަތީގައި އެތަށި ބެހެއްޓުމަށް ފަހު އެތަކެތީގައި ހުރި ތަކެތި ތަހުލީލު ކުރި އިރު ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ޖާބިރާއި އިތުރު ބަޔަކު ތިއްބެވި ދިމާގައި ހުރި ގޮނޑިއެއްގެ މަތިން ފެނުނު ދެ ބިއްލޫރި ތައްޓާއި އެތަނުގައި ހުރި ހަޓުގެ ކައުންޓަރުމަތިން ފެނުނު "ބޯގޯ" ބްރޭންޑުގެ ފުޅި އާއި "ސެންލިއޯ" ބްރޭންޑުގެ ފުޅީގެ އިތުރުން "ހެނެއްސޭ" ބްރޭންޑުގެ ފުޅިއާއި ތިން ބިއްލޫރި ތަށީގައި ހުރި ދިޔާތަކެތި ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.
އެ ދެ ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައި ވާތީ ގާޒީ ވަނީ ޖާބިރަށް އެ ފުރުސަތު ދެއްވާފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ޖާބިރުގެ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖާދުﷲ ޖަމީލް ވެސް ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. އޭނާގެ މައްޗަށް ކުރާ ބަނގުރަލުގެ ދައުވާ އަށް ޖަވާބުދާރީވުމަށް ވެސް ގާޒީ ވަނީ ފުރުސަތު ދެއްވާފަ އެވެ.