12 Sep 2013, 16:57
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައެއް ސަރަހައްދުތަކުން ވޯޓުލުމަށް ނުކުތް މީހުންގެ އަދަދު ރަޖިސްޓްރީކޮށްފައިވާ ވަރަށް ވުރެ އިތުރުވެފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް( އޭޕީ) ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު އޭޕީން ޝާއިއު ކުރި ރިޕޯޓެއްގައި ވަނީ އެކަން ހިނގި ގޮތް އޮޅުން ފިލުވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށެވެ.
"އެމަނިކުފާނު އަދި ވިދާޅުވީ އިންތިހާބު ވަރަށް ބޮޑަށް ސުލްހަވެރި ނަމަވެސް، ބައެއް ސަރަހައްދުތަކުގައި ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދަށް ވުރެ ވޯޓުލުމަށް ނުކުތް މީހުންގެ އަދަދު އިތުރު ކަމަށެވެ. އެކަން އޮޅުން ފިލުވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ދަންނަވާފައިވާ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ،" އޭޕީގެ ރިޕޯޓްގައިވެ އެވެ.
ރައީސް ނަޝީދު ވިދާޅުވި ކަމަށް އޭޕީގެ ރިޕޯޓްގައި އަދި ވަނީ އެމަނިކުފާނަކީ އިސްލާމްދީނާ ދެކޮޅު ބޭފުޅެއް ކަމަށް، ވާދަވެރިން ކުރާ ތުހުމަތުގެ ސަބަބުން ވޯޓް މަދުވި ކަމަށެވެ. އަދި އެއް ބުރުން އިންތިހާބު ކާމިޔާބު ނުކުރެއްވުނީ އެހެންވެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
"ބައެއް މީހުން ކެމްޕެއިން ސްޓްރެޓެޖީއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ދީން، ވަރަށް މަތީ މިންވަރަކަށް އެކަން އެމީހުން ވަނީ (މީހުންނަށް) އޮޅުވާލާފައި. ވޯޓްލީ ބައެއް މަދު މީހުންނަށް އޭގެ އަސަރު ކުރި،" ނަޝީދު ވިދާޅުވި ކަމަށް ރިޕޯޓްގައިވެ އެވެ.