12 Sep 2013, 16:47
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ތާއީދު ކުރުމަށް ޑީއާރުޕީ ކައުންސިލްގެ އަގުލަބިއްޔަތު ލިބުނީ މަޖިލީހުގެ ހަ މެންބަރެއްގެ ވޯޓާ އެކު އެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދުމަށް އެމްޑީޕީ އަށް ބޭނުން ވަނީ ހަ މެންބަރުންނެވެ. އެއީ އެމްޑީޕީގައި މިހާރު ތިބި 33 މެންބަރުންނާ އެކު ޖުމްލަ 39 މެންބަރުންނެވެ.
ސާފު އަގުލަބިއްޔަތު އެމްޑީޕީ އަށް ލިބިއްޖެ ނަމަ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކިކުރުމާއި ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ ބިލުތައް ހުރަހެއް ނެތި ފާސް ކުރެވޭނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ނަޝީދަށް ތާއިދު ކުރެއްވުމަށް ޑީއާރްޕީ ކައުންސިލްގައި ވޯޓު ދެއްވި މަޖިލިސް މެންބަރުންނަކީ ޑީއާރްޕީގެ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ތަސްމީންގެ ކޮއްކޮ، އަލިފުށީ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒާއި އޭނާގެ އަނބިކަނބަލުން ރޮޒައިނާ އާދަމާއި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.
ނަޝީދަށް ތާއިދު ކުރެއްވުމަށް ވޯޓު ދެއްވި ކައުންސިލް މެންބަރުންނަކީ އެ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް މުހައްމަދު ޖައުޝަން ޝަރީފާއި މުހައްމަދު ސަލީމާއި އަލީ ޝަރީފާއި އާސިމެވެ.
ޑީއާރްޕީ މަޖިލިސް މެންބަރު ކާނަލް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމަށް ތާއިދު ކުރެއްވުމަށް ވެސް ވޯޓު ދެއްވަވާފަ އެވެ. ކާނަލްއާ އެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދާއި އިކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އައްޑޭ) ވަނީ ޕީޕީއެމަށް ޑީއާރްޕީން ތާއިދު ކުރެއްވުމަށް ވޯޓު ދެއްވި އެވެ. އައްޑޭ ވަނީ ޑީއާރްޕީ އެއްވެސް ޕާޓީއަކަށް ތާއިދު ނުކޮށް، ޕާޓީގެ ލަޑުދަނޑިޔާއިގެން ކުރިއަށް ދިއުމަށް ވެސް ވޯޓު ދެއްވާފަ އެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީ އާއި ޕީޕީއެމަށް ބަޔަތު ނުހިފުމަށް ވޯޓު ދެއްވީ ޑީއާރްޕީ ކައުންސިލްގެ ހަ މެންބަރުންނެވެ. އެއީ ކައުންސިލް މެންބަރު ހާމިދު ރަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވެލްފެއާ މިނިސްޓަރު ޑރ. އިބްރާޙިމް ސަލީމް (ޗަބީ) އާއި އެ ޕާޓީގެ މީޑައާ އޮފިޝަލް އަލީ ސޯލިހާއި ފިލްމީ ބަތަލާ އައްސަދު ޝަރީފާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މައުސޫމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ނަޝީދަށް ތާއިދު ކުރަން ޑީއާރްޕީގެ ކައުންސިލުން ނިންމިޔަސް، މަޖިލީހުން އެމްޑީޕީ އަށް އެއްބާރުލުން ދިނުމާ މެދު "އަދި ގޮތެއް ނުނިންމާނެ" ކަމަށާއި "އެއީ އަދި ނާޅާނެ ސުރުހީއެއް" ކަމަށެވެ.