12 Sep 2013, 15:56
ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިއުލާންކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައާއި ގުޅިގެން، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާ ސަބަބުތަކުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ހައިކޯޓުން ބުންޏެވެ.
ޖުމްހޫރީ ޕާޓީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓު ދިން މީހުންގެ ރަޖިސްޓްރީ އެ ޕާޓީއަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
"ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-I-SH/01 ޤަޟިއްޔާގައި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައަކީ "ރިޔާސީ އިންތިޚާބުގެ ޤަވާޢިދު 2013" ގެ 17 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކޮށްފައިވާ ވޯޓުދިން މީހުންގެ ރަޖިސްޓްރީ ހޯދުންކަމަށްވެފައި، އެ ޤަޟިއްޔާ އާއި ގުޅިގެން އެދިފައިވާ ވަގުތީ އަމުރަކީ، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ދާއިމީ ނަތީޖާ އިޢުލާންކުރުން ފަސްކުރުމުގެ އަމުރަކަށް ކަމަށްވާތީ، ހުށަހެޅިފައިވާ މައްސަލައަށާއި ވަގުތީ އަމުރަށް އެދިފައިވާ ސަބަބުތަކުގެ މައްޗަށާއި، ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ޤަވާޢިދަށް ރިޢާޔަތްކޮށް ބެލުމުން، އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެންޖެހޭފަދަ ސަބަބެއް މިހިނދުން މިހިނދަށް ވުޖޫދުވެފައި އޮތްކަމަށް ނަންބަރު 2013/HC-I-SH/01 ޤަޟިއްޔާ ބެލުމަށް ކަނޑައެޅިފައިވާ ފަނޑިޔާރުންނަށް ނުފެނުނުހިނދު، 7 ސެޕްޓެމްބަރު 2013 ގައި ބޭއްވުނު "ރިޔާސީ އިންތިޚާބު 2013" ގެ ރަސްމީ ނަތީޖާ، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިޢުލާންކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ތަނެއް އޮތްކަމަށް މިމައްސަލަ ބަލާ ފަނޑިޔާރުންނަށް ނުފެނުނެވެ." ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.