12 Sep 2013, 15:45
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކުރި ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އަށް ހާމިދު އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ހާމިދުގެ ވަކީލު ވިދާޅުވީ މައްސަލައާ ގުޅޭ ލިޔުންތައް ލިބުނީ މިއަދު ކަމަށްވާތީ ޖަވާބުދާރީ ވޭވޭނީ ލިޔުންތައް ދިރާސާ ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ދައުވާ އަށް ޖަވާބުދަރީވުމަށް ހާމިދަށް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށާއި އެހެންކަމުން ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
ގާޒީ އެގޮތަށް ވިދާޅުވުމުން ހާމިދު ވިދާޅުވީ ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ.
ހާމިދު ދައުވާ އަށް އިންކާރު ކުރެއްވުމުން ގާޒީ ވިދާޅުވީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ ބޮޑު އަދަބު ދެއްވާނެ ކަމަށެވެ.
"ކޯޓުގައި މި ގެންގުޅޭ އުސޫލަކީ ދައުވާ އަށް އިއުތިރާފުވެއްޖެ ނަމަ ލުއި އަދަބު ދެވޭނެ. ނަމަވެސް ދައުވާ އަށް އިންކާރުކޮށްފި ނަމަ ލުއިއަދަބެއް ނުދެވޭނެ. ހެކީންގެ ހެކިބަހުން ދައުވާ ސާބިތުވެއްޖެ ނަމަ ދެން ލިބޭނީ ބޮޑު އަދަބު،" ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތާއި ހާމިދަށް ވެސް ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އޭގެ ފަހުން އޮންނާނީ ހެކީންގެ ހެކިބަސް ނެގުމެވެ.
ހާމިދުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި އިތުރު ބަޔަކާ އެކު އޭނާ ހުންނަވަނިކޮށް އެރަށު ތެރެ ބަލައި ފާސްކުރުމުން ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން އެރަށުތެރެ ބަލައި ފާސްކުރަމުން ދަނިކޮށް އެރަށުގެ އުތުރު ފަރާތުގައި ބާއެއް ގޮތަށް ހަދާފައިވާ ހަޓް ކައިރިން ހާމިދާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފެނުނު އިރު، އެބޭފުޅުންގެ ތެރެއިން ޖާބިރުގެ އަތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާއެއްޗެއް ހުރި ބިއްލޫރި ތައްޓެއް ފެނިފައިވާ ކަމަށް ދައުވާގައި ބުނެފައި ވެއެވެ. އަދި ހާމިދު އަތުގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ޖޯޑެއް އޮއްވައި ފެނިގެން ފުލުހުން އެ ދެ މީހުންނާ ދިމާލަށް ދާންފެށުމުން ހާމިދުގެ އަތުގައި އޮތް ޖޯޑު އޭނާ އެއްލާލި ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.