12 Sep 2013, 14:53
އިންތިހާބުގެ ނަތީއްޖާ ގަބޫލު ނުކޮށް، ޖުމްހޫރީ ޕާޓީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން އަންނަ އާދީއްތަ ދުވަހަށް ސެޑިއުލްކޮށްފި އެވެ.
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ހުށަހެޅިފައިވާ އިންތިހާބީ ޝަކުވާތަކާ ގުޅިގެން ޖޭޕީން ހައިކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގެ ޝަރީއަތް ޖެޑިއުލްކޮށްފައި ވަނީ އެ ދުވަހުގެ މެންދުރު ފަހު 1:30 ގަ އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓާއި ވޯޓު ފޮށިތަކުގެ ޝީޓްތައް ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޖޭޕީން ހުށަހަޅައިފައިވާ މައްސަލައަށް އެމްޑީޕީން ތަދައްހުލުވުމަށް ނިންމާފައިވާއިރު އެމައްސަލައިގެ ތެރެއަށް ވަނުމަށް ޕީޕީއެމުން ވެސް ގެންދަނީ ވިސްނަމުން އަންނަ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފަހަރުގެ ރިޔާސީ އިންތިހާބްގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައި މަކަރާއި ހިލަތް ހަދާފައިވާ ކަމުގެ ތުހުމަތުތަކެއް ޖޭޕީން ގެންދަނީ ކުރަމުންނެވެ.