ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްޙުލް ވުމަށް (މައްސަލައިގެ ތެރެއަށް ވަނުމަށް) އެމްޑީޕީން ނިންމައިފި އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ތަރުޖަމާން އިންތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ޖޭޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް އެމްޑީޕީން ތަދައްޙުލް ވުމަށް ނިންމީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ އެމްޑީޕީ އިން ވެސް ވާދަ ކުރި އިންތިހާބަކަށް ވާތީ ކަމަށެވެ.

"ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީން ވަނީ ރާއްޖޭގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައި. އަޅުގަނޑުމެން އެމްޑީޕީން ނިންމައިފިން ޖޭޕީ އިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ތަދައްޙުލް ވާން."

އިންތި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ކަމިޔާބީއެއް ހޯދައި ވަނިކޮށް އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ވެއްދުމުން އެ މައްސަލާގައި އެ ޕާޓީގެ މަސްލަހަތު އޮތުމަކީ ވެސް މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމި ސަބަބެއް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމީ ޖޭޕީ އަލުން ވޯޓު ފޮށިތައް ގުނުމަށް އެދިފައިވާ ކަމަށް މީޑިއާތަކުގައި ވެސް ހަބަރު ފެތުރިފައިވާ ކަމަށާއި އެހެންކަމުން މައްސަލައިގެ އަސްލު ހާމަ ވާނީ އެ މައްސަލައިގެ ތެރެއަށް ވަދެގެން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް އެހާ ބޮޑު ކާމިޔާބެއް ހޯއްދަވާފައި ވަނިކޮށް އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ވެއްދުމުން އެ މައްސަލާގައި އެމްޑީޕީގެ މަސްލަހަތު އޮތް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އާންމު އިންތިހާބުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ނ.ގެ ދަށުން އެ މައްސަލައަކީ އަދި ހައި ކޯޓަށް ވެެއްދޭނެ މައްސަލައެއް ނޫން ކަމަށެވެ.

އާންމު އިންތިހާބުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ނ. ގައި ބުނަނީ އިމްތިހާބަކާ ގުޅުން ހުރި މައްސަލައެއް ކޯޓަކަށް ވެއްދޭނީ އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ 14 ދުވަހުގެ ތެރޭގައި ކަމަށެވެ.