ރާއްޖޭގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ (ފުރަތަމަ ބުރު)ގެ ނިމިގެން ދިޔައީ ސުލްހަވެރިކަމާ އެކު އޮމާންކޮށް ކަމަށް ޖަޕާނާއި އިނގިރޭސިވިލާތުން ބުނެފި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރު ކުރިއަށް ދިޔަ ގޮތް ބެލުމަށް ފަހު ޖަޕާނު އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖަޕާނުން ރާއްޖެ އަށް ފޮނުވި އޮބްޒާވާ މިޝަންއިން އިން ދިން މައުލޫމާތުން ފާހަގަ ވަނީ އިންތިހާބު ބޭއްވީ ސުލްހަވެރިކަމާ އޮމާންކަމާ އެކުގައި ކަން ކަމަށެވެ.

މިމަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ވެސް ސުލްހަވެރިކަމާ އޮމާންކަމާ އެކު ކުރިއަށް ދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްލުމާއި ވޯޓް ގުނުމުގެ ކަންތައްތައް ދިޔަ ގޮތަށް އެކަންތައްތައް ބެލި ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކަކުން ވެސް ވަނީ ތައުރީފުކޮށްފަ އެވެ. އިންތިހާބުގެ ކަންތައްތައް ބެލި ފަރާތްތަކުގެ ތެރޭގައި އދ. އާއި ކޮމަންވެލްތާއި އިނގިރޭސިވިލާތާއި ޖަޕާނާއި އިންޑިއާގެ އޮބްޒާވަރުން ހިމެނެ އެވެ. އޭގެ އިތުރުން ބައިނަލް އަގުވާމީ ބައެއް މީޑިއާތަކުން ވެސް ރާއްޖޭގެ އިންތިހާބު ކައިރިން ބެލި އެވެ.