މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން ހދ. ކުޅުދުއްފުށިން އަނެއްކާ ވެސް މީހަކު ހައްޔަރު ކޮށްފި އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން ކުރިން ވެސް ކުޅުދުއްފުށިން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ވޯޓު ކަރުދާހާ ގުޅޭ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް ނުދެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ތިން ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފަ އެވެ.

ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ވޯޓު އޮޅުވާލި މައްސަލަތަކާއި އައިޑީކާޑުތައް ވަގަށް ނަގައިގެން ވިއްކި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.