ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އެމްޑީޕީ އާ ގުޅެން ނިންމައިފި އެވެ.

މިއަދު ޑީއާރުޕީ އޮފީހުގައި ބޭއްވި އެ ޕާޓީގެ ކައުންސިލް މީޓިންގައި އެ ޕާޓީގެ 12 ކައުންސިލް މެންބަރަކު އެމްޑީޕާއާ ގުޅެން ނިންމި އިރު އަށް މެންބަރަކު ވޯޓު ދެއްވީ ޑީއާރުޕީއާ އެކު ކުރިއަށް ދިޔުމަށެވެ. ތިން މެންބަރަކު ވޯޓު ދެއްވީ ޕީޕީއެމްއާ އެކު ކުރިޔަށް ދިޔުމަށެވެ.

އެބައްދަލުވުމަށް ފަހު ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ތަސްމީން އަލީ ވިދާޅުވީ ތިން ގޮތަކަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މަޝްވަރާ ކޮށްފައި ވަނީ ވަކި ކޮޅަކަށް ނުޖެހުމަށާއި އެމްޑީޕީ އާއި ޕީޕީއެމްއާ ދެ ޕާޓީ އިން ކުރެ ޕާޓީއަކާ ގުޅުމަށް ކަމަށެވެ. އަދި މަޝްވަރާތަކަށް ފަހު މިހާރު ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދު ކުރުމަށް ކަމަށް ތަސްމީން ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑީއާރްޕީގެ ފަރާތުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރުމަށް ވަނީ ނިންމާފައި. މިޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތަނަވަސް އަގުލަބިއްޔަތުން މިގޮތަށް ނިންމާފައި ވަނީ،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވަނީ އެ ޕާޓީ އިން ނިންމި ގޮތަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ރައީސް ނަޝީދަށް ވޯޓް ދިނުމަށާއި ވޯޓް ހޯދައިދިނުމަށް ޑީއާރްޕީގެ މެމްބަރުންނަށް ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ މިއަދުގެ ސިޔާސީ ހަގީގަތަށް ބަލާ އިރު މިއަދު ގައުމަށް ހަމަޖެހުންގެނަން ކުރަން ޖެހޭ މަސައްކަތް ކުރިން ބުނެވިފައިވާ ބަހެއްގެ ސަބަބުން ތާއީދުނުކޮށް ހުރުމަކީ ސިޔާސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ ގޮތުން ޒިންމާދާރު ގޮތެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ސުވާލުކުރުމަށް ނޫސްވެރިންނަށް ފުރުސަތު ދީފައެއް ނުވެ އެވެ.

ޑީއާރުޕީގެ ލީޑަރު ތަސްމީން މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ ލީޑާޝިޕްގައި އެމްޑީޕީއާ އެކު އޭނާ ދުވަހަކު ވެސް ކޯލިޝަން ނުހައްދަވާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ބައެއް ކައުންސިލް މެންބަރުން އެ ވާހަކަ ފެންމަތި ކުރެއްވުމުން ތަސްމީން އެ ސުވާލަށް ޖަވާބު ނުދެއްވައި ކައުންސިލުގެ ނިންމުމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށް ކައުންސިލު ބައެއް މެންބަރުން ސަން އަށް ވިދާޅުވި އެވެ.

ޑީއާރްޕީގެ ނިންމުމާ މެދު ހިތްޕުޅު ހަމަނުޖެހި، އިކޮނަމިކް މިނިސްޓަރު އަދި ޑީއާރުޕީ ކައުންސިލް މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ ޑީއާރުޕީން އެމްޑީޕީއާ ގުޅެން ނިންމި ނަމަވެސް އޭނާ އެ ނިންމުން ގަބޫލު ނުކުރައްވާނެ ކަމަށާއި އޭނާ ގުޅިވަޑައިގަންނަ ވާނީ ޕީޕީއެމްއާ ކަމަށެވެ.

ޑީއާރުޕީން އެމްޑީޕީއާ ގުޅެން ނިންމި ބޭފުޅުންގެ ތެރޭގައި ގިނައިން ތިއްބެވީ ތަސްމީނާ އާއިލާގެ ގޮތުން އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ގުޅުން ހުރި ފަރާތްތަކުންނެވެ.

ޑިއާރްޕީ އިން އެމްޑީޕީއާ ގުޅުމަށް ނިންމީ ތާއީދު ކުރައްވާ ގޮތަށެވެ. އަދި އެ ދެ ޕާޓީ އިން ކޯލިޝަނެއް ހެދުމަށް ނުނިންމަ އެވެ.

ޑީއާރުޕީން އެމްޑީޕީއާ ގުޅެން މިއަދު ނިންމި އިރު މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ ފައިސާ އަށް ފަސް ބިލިއަން ރުފިޔާ ހިޔާނާތްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޯފެނާއި އަސާސީ ހިދުމަތްތައް ދިނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

ތަސްމީން އެ ރޭ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އެ ހުދުމުތާރު، ރައްޔިތުން ނިކަމެތި ކުރި އަނިޔާވެރި، ކޮރަޕްޝަނަށް މަގުފަހިވެފައި އޮތް ސަރުކާރު" އަނބުރާ އަޔަދޭން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.