މިދިޔަ މަހުތެރޭ ހުޅުމާލޭގައި އަންހެން ކުއްޖަކު ރޭޕްކޮށްލި މައްސަލައާ ގުޅިގެން 6،000 އަށް ވުރެ ގިނަ މީހުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި ބިދޭސީއަކު ދިވެހި އަންހެން ކުއްޖަކު ރޭޕްކޮށްލިތާ މިއަދަށް މަހަކާއި ހަފްތާއެއް ވެފައިވާ އިރު، އަދިވެސް އެ މައްސަލައިގެ ތުހުމަތުގައި ހޯދަމުން އަންނަ މީހާ ފެނިފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވި އެ މައްސަލައާ ގުޅިގެން 6،000 އަށް ވުރެ ގިނަ މީހުން ޗެކްކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ރޭޕްކޮށްލި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހޯދުމަށް އެ މީހާ ކަމަށް ޝައްކު ކުރެވޭ މީހާގެ "ސްކެޗެއް" ވެސް މީގެކުރިން ވަނީ އާއްމުކޮށްފަ އެވެ.

ފުލުހުން ބުނެފައި ވަނީ ހުޅުމާލޭ ގަސްތަކުގެ ތެރޭގައި އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވެނީ އިސްކޮޅުން ގާތްގަނޑަކަށް ފަސް ފޫޓް ހަތް އިންޗި ހުންނަ މީހެއް ކަމަށާއި އޭނާގެ ބޮލުގެ އިސްތަށިގަނޑު އޭރު ހުރީ ތުނިކޮށް ކޮށާފައި ކަމަށެވެ.

އަދި އެ މީހާ އެ ދުވަހު އެ އަމަލު ހިންގުމަށް ފަހު އެ ދުވަހުގެ ހެނދުނު 10:00ގެ ފެރީން ހުޅުމާލެއިން މާލެ ދަތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މީހާގެ ކަނާތު ޝަހާދަތް އިނގިލި ވަރަށް ބޮޑަށް ޒަޚަމްވެފައި ހުރި ކަމަށާއި އޭނާ ލައިގެން އެ ދުވަހު ހުރީ އަޅިކުލައަކަށްދާ ގަމީހަކާއި އަޅިކުލަކައަކަށްދާ ފަޓުލޫނެއް ކަމަށެވެ.