12 Sep 2013, 11:28
އަށް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް، އަފްޣާނިސްތާނުގެ ގޯލް ކީޕަރު މަންސުރު ފަގިރްޔާރު ހޯދައިފި އެވެ.
ޖަރުމަނުގެ ކުލަބެއް ކަމަށްވާ ވީއެފްބީ އޯލްޑަން ބާގަށް ކުޅޭ އުމުރުން 27 އަހަރުގެ ގޯލް ކީޕަރު ވަނީ ކަތުމަންޑޫގައި އިއްޔެ ނިމިގެން ދިޔަ ސާކް ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، މުބާރާތުގެ ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ނޭޕާލްގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ވަރަށް ހުށިޔާރު ކަމާ އެކު ނޭޕާލުން އަފްޣާން ކޮޅަށް އުފެއްދި އެތައް ހަމަލާއެއް ދިފާއުކޮށް އަދި އެ މެޗުގައި ނޭޕާލަށް ލިބުނު ޕެނަލްޓީ ދެފަހަރު މަތަކޮށްފައިވެ އެވެ. އަދި ހަމަ އެހެންމެ ފައިނަލް މެޗުގައި އިންޑިއާ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައްވެސް އޭނާ ވަނީ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ.
"މި މަގާމް އަހަންނަށް ލިބުމަށްވުރެ ބޮޑަށް އުފާވީ، އަހަރެމެންނަށް މި މުބާރާތް ކާމިޔާބު ކުރެވުމުން. ގައުމުގެ ވަރަށް ގިނަ ރައްޔިތުން އިންތިޒާރު ކުރާނެ އަހަރެމެން ތަށި ހިފައިގެން އަންނަ ތަން ދެކެން،" ފަގިރްޔާރު ބުންޏެވެ.
ސެމީ ފައިނަލްގައި ނޭޕާލް ޓީމުން ޖެހި ޕެނަލްޓީ ދެފަހަރު މަތަކޮށް އަފްޣާން ޓީމް ފައިނަލަށް ގެންދިއުމުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާތީ އަފްޣާނިސްތާންގެ ރައީސް ހާމިދު ކަރްޒާއީ ވަނީ ހަދިޔާއެއްގެ ގޮތުގައި ފަގިރްޔާރު އަށް 20،000 ޔޫއެސް ޑޮލަރު ހަދިޔާ ކޮށްފައި ކަމަށް ގޯލް ނޭޕާލްގައި ބުނެފައިވެ އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 10 ލަނޑު ކާމިޔާބުކޮށްގެން ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ޖުމްލަ 18 ލަނޑު ހަމަކޮށްގެން ދަގަނޑޭވަނީ، އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑެއްވެސް ގާއިމްކޮށްފަ އެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ، ނޭޕާލް ފުޓްބޯޅަ ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން އަފްޣާނަށް އިނާމުގެ ގޮތުގައި 50،000 ޑޮލަރު ލިބިފައިވާއިރު، ރަނަރަޕް އިންޑިއާއަށް 25،000 ޑޮލަރު އަދި ސެމީ ފައިނަލްގައި ކުޅުނު ރާއްޖެއާއި ނޭޕާލް، ކޮންމެ ޓީމަކަށް 10،000 ޑޮލަރު ސާފް އިން ދީފައިވެ އެވެ.