މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ އާ ދެމެދުގައި "ސްވޮޕް" އެގްރީމަންޓެއްގައި ސޮއިކޮށް، އެއް ގައުމުން އަނެއް ގައުމުގެ ކަރަންސީ ބަދަލު ކުރުމުގެ މަސައްކަތުގެ މިސްރާބު ވަރަށް  "ޕޮޒިޓިވް"ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.


އެމްއެމްއޭގެ ތަރުޖަމާން އަހުމަދު ނަސީރު މިއަދު ވިދާޅުވީ ސްވޮޕް އެގްރީމަންޓެއް ހެދުމަށް، ދެ މަރުކަޒީ ބޭންކުގެ ގަވަރުނަރުން ބައްދަލުކުރައްވާފައިވާ ކަމަށާއި ނަމަވެސް އެގްރީމަންޓަކާ ހަމައަށް އާދެވި ސޮއި ކުރާނެ ވަކި މުއްދަތެއް އަދި ކަނޑައެޅިފައި ނުވާ ކަމަށާއި ފައިސާ ބަދަލު ކުރާނެ ރޭޓެއް ވެސް އަދި މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.    


"ވަރަށް ޕޮޒިޓިވް [ރަނގަޅު]ކޮށް ވާހަކަތައް އޮތީ. އިތުރަށް މަޝްވަރާ ކުރެވިގެން އެމައުންޓާއި [އަދަދާ] ހުރިހާ ޑައުޓްސް [ސުވާލު]ތައް ސާފުވާނީ. ކަރަންސީ [ފައިސާ] ބަދަލު ކުރާނެ ވަކި ރޭޓެއް ކަނޑައެޅިފައެއް އަދި ނެތް. ދެ ފަރާތުގެ މުވައްޒަފުން ވެސް ވާހަކަ ދައްކައިގެން ކަނޑައެޅޭނީ،"  


ކަރަންސީ ސްވޮޕްއަކީ މާލީ ދެ އިދާރާއެއްގެ ދެމެދުގައި އެއްބަސްވެފައިވާ އިންޓަރެސްޓް ރޭޓެއްގައި ދެ ކަރަންސީއެއް ބަދަލުކުރުމެވެ. އެ ގޮތަށް ފައިސާ ބަދަލުކުރުމުން ދިވެހި ރާއްޖޭގައި ބޭރު ފައިސާ ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.


މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ދިވެހި ރާއްޖެ އާއި ސްރީލަންކާ އާ ދެމެދުގައި ފައިސާ ގަންނަން ލިބެން ހުންނާނެ ނިޒާމެއް ޤާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް އުފެއްދުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ.