12 Sep 2013, 11:30
އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭބީއީ)ގެ އިމްތިހާނަކުން ރާއްޖޭގެ ކްލީކް ކޮލެޖުގެ ހަތަރު ދަރިވަރަކު އެއްވަނަ ހޯދައިފި އެވެ.
ދުނިޔޭގެ އެކްރެޑިޓެޑް 423 ކޮލެޖުގެ މެދުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ބޭއްވި އެ އިމްތިހާނުން "ޓޮޕް ޕޭޕަރު ޕްރިއިޒް" އެވޯޑް ހޯދާފައިވާ ހަތަރު ދަރިވަރުންނަކީ އައިޝަތު ޝަނާޒާއި ހިންދްބިންތް ވަލީދު އާދަމާއި ފާތުމަތު ރިފްގާ ޒަމީލާއި އިބްރާހިމް ތަހާމީ ނައީމެވެ.
ކްލިކް ކޮލެޖުން ބުނީ އޭބީއީ އިމްތިހާނުގައި އެކޮލެޖުން 2003 ވަނަ އަހަރުން ފެށިގެން ދަރިވަރުން ބައިވެރިވެ އެވޯޑް ހާސިލް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިފަހަރު ލިބުނު ހަތަރު އެވޯޑާ އެކު ކްލިކް ކޮލެޖުގެ 32 ދަރިވަރުން އެވޯޑް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ބޭއްވި އޭބީއީ އިމްތިހާނުން ކުލިކް ކޮލެޖުގެ 44 ދަރިވަރަކު އޭސްޓާ ހޯދާފައިވާ އިރު 73 ދަރިވަރުން އޭ ހޯދާފައިވާ ކަމަށް ވެސް އެ ކޮލެޖުން މައުލޫމާތު ދިނެވެ.
ކްލިކް ކޮލެޖުން އަންނަނީ އޭބީއީގެ ފަރާތުން ހިންގާ ފަތުރުވެރިކަމާއި ވިޔަފާރި އާއި މާކެޓިން އަދި ހިއުމަން ރިސޯސްގެ ދާއިރާއިން ކޯސްތައް ކިޔަވައި ދެމުންނެވެ. އެގޮތުން މިއަންނަ ނޮވެންބަރާއި ޖެނުއަރީގައި އޭބީއީގެ ކޯސްތަކެއް އެ ކޮލެޖުގައި ފެށޭނެ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެ އެވެ.
އޭބީއީ އަކީ 1973 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ އިމްތިހާން ތަކެއް ބާއްވަމުންދާ، ދުނިޔޭގެ އެކިކަންކޮޅުތަކުން 50 ހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލު ކުރަމުން އަންނަ ތަނެކެވެ.