12 Sep 2013, 11:03
އަމާނާ ތަކަފުލް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާއިން އިންޓެރިމް ޑިވިޑެންޑް ބެހުމަށް ނިންމައިފި އެވެ.
އަމާނާ ތަކާފުލްއިން ބުނީ އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާގެ އަގުގެ ފަސް ޕަސެންޓް މިފަހަރު ބަހަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ހޯދަފައިވާކަމަށް ބުނެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާ އިރު 55 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އެކުންފުނީގެ ޖުމުލަ ފައިދާ ވަނީ 5.3 މިލިއަން ރިފިޔާއަށް އަރާފަ އެވެ.
އެކުންފުނީގެ ތަފާސް ހިސާބްތަކަށް ބަލާއިރު އެކުންފުއްޏަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވަނީ އިންޝުއަރެންސް ޕްރިމިއަންގެ ގޮތުގައި 34.4 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 16 ޕަސެންޓްގެ ކުރިއެރުމެކެވެ.
އަމަނާތަކަފުލްއިން ބުނީ އެކުންފުނީގެ ހިއްސާދާރުނަށް ޑިވިޑެންޑްގެ ނިސްބަތް ކަނޑައެޅުމަށް ރަޖިސްޓުރީކުރުން މި މަހުގެ 18 ގައި ބަންދުކުރެވޭނެ ކަމަށެވެ. މޯލްޑިވްސް ސޮޓްކް އެކްސްޗޭންޖްގައި އަމާނާތަކަފުލް ލިސްޓްކުރެވުނީ 2011 ވަނަ އަހަރު އެވެ. އެއީ އަމިއްލަ ކުންފުންޏެއް ސްޓޮކްއެސްޗޭންޖްގައި ރަޖިސްޓުރީކުރި ފުރަތަމަ ފަހަރެވެ.