މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ދެ ވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫއް އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި. އެގޮތުން ރީ ރަޖިސްޓްރޭޝަން އަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތެއް ދެވޭނެ،" އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ ރީ ރަޖިސްޓްރޭޝަން އަށް ހުޅުވާލާ ފުރުސަތުގައި ރަޖިސްޓްރީ ނުކުރާ މީހުން ވޯޓްލާން ޖެހޭނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލީ ތަނަށް ކަމަށާއި އެ މީހުން އިތުރަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.