ލަންޑަން (ސެޕްޓެމްބަރު 12): ފިރިހެނުންނާ ދެކޮޅަށް ޖިންސީ ޖަރީމާތައް ހިންގައި ފިރިހެނުން ރޭޕްކުރަމުން ގެންދާކަމުގެ ތުހުމަތު ކުރެވިފައިވާ އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ނައިބު ރައީސް ނައިޖަލް އީވާންޒް މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިނގިރޭސި ޕާލަމެންޓްގެ ހައުސް އޮފް ކޮމަންސްގެ ނައިބު ރައީސް ކަމުގައި ހުންނެވި ނައިޖަލްގެ މައްޗަށް ފިރިހެނުން ރޭޕްކުރުމުގެ އަށް ޖަރީމާއެއްގެ ތުހުމަތު އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ކުރައްވާފަ އެވެ. އުމުރުން 55 އަހަރުގެ ނައިޖަލް އަކީ އެއްޖިންސުން ގުޅުންހިންގުމުގައި ހައްދުފަހަނަޅާފައިވާ މީހެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާގެ ޖިންސީ ޝިކާރައަކަށް ހަތް ފިރިހެނުން ވެފައިވާ އިރު އިނގިރޭސި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ފިރިހެނުން ރޭޕްކުރުމުގެ އަށް ތުހުމަތެއް އޭނާގެ މައްޗަށް ކޮށްފަ އެވެ.

ނައިޖަލްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ޖަރީމާތައް 2002 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ޖަނަވަރީއާ ހަމައަށް އޭނާ ހިންގަމުން ގެންގޮސްފައިވާ ކަމަށް އިނގިރޭސި ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ތުހުމަތުކުރައްވާފަ އެވެ. އިނގިރޭސި ކޮންޒަވެޓިވް ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނައިޖަލްއަކީ އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ސިޔާސީ ލީޑަރެކެވެ. ނައިޖަލް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ފިރިހެނުން ރޭޕް ކުރުމުގެ ތުހުމަތުތަކަށް އިންކާރު ކުރައްވައި މިމައްސަލަ ކޯޓަށް ދިޔުމުން އޭނާގެ ކުށެއްނެތްކަން ހާމަވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ފިރިހެނުން ޖިންސީ ގޮތުން ރޭޕްކުރާކަމުގެ ތުހަތަށް ނައިޖަލް އިންކާރު ކުރެއްވި ނަމަވެސް އެއްޖިންސުން ގުޅުންހިންގުމުގެ މުޑުދާރު ޢަމަލު ހިންގާކަމަށް އޭނާ އިންކާރު ކުރައްވާފައެއް ނުވެ އެވެ. ހައުސް އޮފް ކޮމަންސްގެ ނައިބު ރައީސް ކަމުގެ މަޤާމުން ނައިޖަލް އިސްތިއުފާ ދެއްވި ނަމަވެސް ހައުސް އޮފް ކޮމަންސްގެ މެންބަރުކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ދައުރު ނިމެންދެން މެންބަރު ކަމުގައި ދެމިހުންނަވާނެ ކަމަށް ވެސް ނައިޖަލް ވިދާޅުވި އެވެ. (ބީ.ބީ.ސީ)