12 Sep 2013, 09:19
ޖެނީވާ (ސެޕްޓެމްބަރު 12): ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމަށް ރަޝިޔާހުށަހެޅި ހުށަހެޅުމާ ބެހޭ ޕްލޭން އެމެރިކާއާ ޙަވާލުކުރުމާގުޅިގެން މިޕްލޭން ދިރާސާ ކުރުމަށްޓަކައި އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ޖެނީވާގައި މިއަދު ބައްދަލުކުރައްވާނެ އެވެ.
އެމެރިކާގެ ޚާރިޖިއްޔާ އިން ބުނީ މިބައްދަލުވުމުގައި ހަތިޔާރާ ބެހޭ އެމެރިކާގެ ތަޖްރިބާކާރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާ ދެ ދުވަހުގެ މުއްދަތަށް މިބައްދަލުވުން ދެމިގެންދާނެ ކަމުގަ އެވެ. ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނައުމާ ބެހޭ ރަޝިޔާގެ ޕްލޭން ގަބޫލުކުރާނެކަން ސޫރިޔާ ސަރުކާރުން ވެސް ވަނީ ހާމަކޮށްފަ އެވެ. މިޕްލޭން ތަންފީޒުކުރުމާބެހޭ ގޮތުން މިއަދުގެ ވަގުތެއްގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ކޮންޓްރޯލް އދ.ގެ ދަށަށް ގެންދިޔުމާ ބެހޭ ޕްލޭނަށްސޫރިޔާ ސަރުކާރުން މަރްޙަބާ ކިޔުމުންއެގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކަންތައް މަޑުޖައްސާލުމާ މެދު ވިސްނަމުން ދާކަމަށް އޮބާމާ ވިދާޅުވެފައިވީ ނަމަވެސް ސޫރިޔާ އަށް ޙަމަލާދިނުމަށް ބޭނުންވާ ހުއްދަ ކޮންރެސްއިން ހޯދުމުގެ ކަންތައް ކުރިޔަށްގެންދާ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ. އޮބާމާ ވަނީ ސޫރިޔާ އަށް ހަމަލާދިނުމުގެ ހުއްދައަށް އެދި ކޮންގްރެސް އަށް ހުށަހަޅާފަ އެވެ. ނަމަވެސް މިކަމަށް ކޮންގްރެސް އިން އަދި ގޮތެއް ނުނިންމަ އެވެ. ސޫރިޔާއާ ސަރުކާރާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅު ނާޅައިފި ނަމަ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާގެން ކުރިޔަށްދިޔުމުގެ އިތުރު ހިއްވަރެއް އީރާނަށް ލިބިގެންދާނެ ކަމަށް އޮބާމާ ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން ސޫރިޔާއަށް ޙަމަލާދިނުމުގެ ބޭނުމަކީ ބައްޝާރުގެ ސަރުކާރުގެ ނުރައްކަލުން ސޫރިޔާގެ ރައްޔިތުން ޙިމާޔަތް ކުރުން ނޫންކަމާ މިއީ އެމެރިކާއާއި އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އީރާނަށް ބިރުދެއްކުމުގެ ގޮތުން ކުރާނެ ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ. ސޫރިޔާގެ ރައްޔިތުންގެ ޙިމާޔަތުގައި އެމެރިކާ ވާހަކަ ދައްކާއިރު އެމެރިކާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ފަހަތުގައިވާ އެންމެ ބޮޑު ފަރާތެވެ. އެމެރިކާގެ މި ޑަބަލް ރޯލުގެ ސަބަބުން އަމިއްލަ މަޤްސަދެއް ޙާސިލް ކުރުމަށް މެނުވީ މުސްލިމުންގެ ޙިމާޔަތުގައި އެމެރިކާ ނުކުމެދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދުނިޔޭގެ ކަންތައްތަކުގައި ހަމައެކަނި ބަސްކިޔާ ގައުމެއްގެ ގޮތުގައި އެމެރިކާ އޮތް އޮތުން މިހާރު ނިމުމަކަށް އައިސްފަ އެވެ. ޗައިނާއާއި ރަޝިޔާވެސް ގެންދަނީ ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި އެމީހުންގެ ބާރުތައް ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޢިރާޤާއި އަފްޣާނިސްތާނުގެ މައްސަލާގައި ކަންތައްކުރިގޮތަށް ސޫރިޔާގެ މައްސަލާގައި ކަންތައް ކުރުމަށް އެމެރިކާ ވަނީ ނުކުޅެދިފަ އެވެ.
އެމެރިކާ އާއި ޔޫރަޕް ބާރުތަކުން ޢިރާޤާއި އަފްޣާނިސްތާނަށް އަރައި އެ ދެ ގައުމުންއެތަށް ލައްކަބަޔަކު މަރައި ހިންގާފައިވާ އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ އިރު މި ދެ ގައުމުގެ ބޮޑުބައެއްވަނީ ފަނާވެފަ އެވެ. އަދި ޢިރާޤާއި އަފްޣާނިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައާ އެކު އެމެރިކާ އާއި ޔޫރަޕް އިޤްތިސާދީ ގޮތުން އިނދަޖެހިފައި ވާތީ އިސްލާމީ އިތުރު ގައުމުތަކަށް އަރައިގަތުމަށް ޔޫރަޕްގެ ގިނަ ގައުމުތައް މިހާރުދަނީ ފަސްޖެހެމުންނެވެ. މިގޮތުން ސޫރިޔާ އަށް ހަމަލާދިނުމަށް އިނގިރޭސި ޕާލަމެންޓުން ވަނީ ފާޅުގައި ދެކޮޅު ހަދާފަ އެވެ. (ރޮއިޓާސް)