އެމްޑީޕީގެ ސަރުކާރެއްގައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބަޑޭރިކޮށީގައި ފްލެޓް އަޅުއްވައި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އެމްއީއެސް ހުންނަ ސަރަހައްދުގައި މިރޭ އެމްޑީޕީން ބޭއްވި ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާތަނަށް އައި އިރު ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަމުގައި ޔަގީންކަމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ޕާޓީ ރައްޔިތުން އިންތިހާބުކޮށްފި ނަމަ ބަޑޭރިކޮށީގައި ފްލެޓް އެޅުއްވައި ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ބަޑޭރިކޮށީގައި ދިރިއުޅެމުން އަންނަ ފަރާތްތަކަކީ ވަރަށް ގިނަ ދުވަސްވަންދެން އެތަނުގައި ދިރިއުޅެމުން އަންނަ ބައެއް ކަމަށާއި ފްލެޓް އަޅައި ނިމުމުން މިހާރު އެތަނުގައި ދިރިއުޅެމުން އަންނަ އާއިލާތަކަށް ފުރަތަމަ އިސްކަން ދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ސަރުކާރު ހިންގި އިރު ފުލުހުންނާއި ސިފައިންގެ ހިންގުމަށް ވަރަށް ގިނަ ބަދަލުތަކެއް ގެންނަވާފައިވާނެ ކަމަށެވެ. އަދި އެ ގެންނެވި ބަދަލުތައް ސިފައިންގެ އެކި ރޭންކްތަކުން ވަރަށް ރަގަނޅަށް ބަލައިގެންފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ސިފައިންނަށް ޝަރަފްވެރިކަމާ އެކު މަގާމް އަރުވާފައިވާނެ ކަމަށެވެ. އަދި ޝަރަފްވެރިކަމާ އެކު ވަކިވެފައިވާ ސިފައިންގެ ބޭކަލުންނަކީ ސިފައިންނާ ގުޅިފައިވާ ބަޔަކު ކަމުގައި އެމްޑީޕީ ސަރުކާރެއްގައި ހަމަޖައްސަވާނެ ކަމަށެވެ.