ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މިއަދު ހެނދުނު މަރުވި ބިދޭސީ މީހާއަށް ފިރިހެނަކު ވަޅިން ހަމަލާދިނީ އޭނާ އަތުގައި އޮތް "ނޮކިއާ ބައްތި" ނުދިނުމުން ކަމަށް އޭނާ އަށް ހަމަލާދިން ސަރަހައްދުގައި ތިބި ބަޔެއް މީހުން ސަން އޮންލައިނަށް މައުލޫމާތި ދީފި އެވެ.


އެ ސަރަހައްދުން މަންޒަރު ދުއް ބައެއް މީހުން ބުނީ ބަންގާޅު މީހާ އާއި އިތުރު ބިދޭސީ މީހަކު މިއަދު ހެނދުނު 7:00 ޖަހާ އެހާކަށްހާއިރު ކާނޭޝަން މަގު ދުނބުރި މިސްކިތް ކައިރިން ހިނގާފައި ދަނިކޮށް ފިރިހެނަކު ވަޅިން ބިރު ދައްކައި އެ މީހާގެ ފޯނު  ފޭރެން މަސައްކަތްކުރި ކަމަށާއި ނަމަވެސް ފޯނު ނުދިނުމުން މެއަށް ވަޅި ހަރައިލީ ކަމަށެވެ.


މައުލޫމާތު ދިން މީހާ ބުނީ، ބިދޭސ މީހާގެ މެއިން ގިނަ އަދަދެއްގެ ލޭ އަންނަން ފެށުމުން އޭނާއާ އެކު ހުރި އަނެއް ބިދޭސީ މީހާ، އޭނާގެ މޭމަތީގައި އަތް އަޅައި ލޭ ބަންދުކުރަން މަސައްކަތް ކުރި ކަމަށެވެ.


ޒަޚަމްވި ބަންގްލަދޭޝް މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުން އެ ސަރަހައްދަށް ގޮހެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ މަރުވެފަ އެވެ. ފުލުހުން ބުނެފައި ވަނީ ބިދޭސީ މީހާގެ މެއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.


މި ހަމަލާ ދިނުމުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުންގެ އޮފިޝަލުން ވިދާޅެއް ނުވި އެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވަނީ ވިދާޅުވި އެވެ.