11 Sep 2013, 22:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުންނެވީ ޕީޕީއެމްއާ އެކު ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގަލޮޅު ގެތަކަށް މިއަދު ޑޯޓްޑޯ ކެންޕޭނަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ ރައީސް ވަހީދު ޕީޕީއެމް ކޯލިޝަނާ ގުޅިވަޑައިގަންނަ ވާނީ އެމަނިކުފާނުގެ ޓީމާ އެކު ކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ބާއްވާ ޖަލްސާގައި ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދެން އޮންނަ ޖަލްސާއެއްގައި ރައީސް ވަހީދުގެ އިތުރުން އެހެނިހެން ސިޔާސީ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޑޯޓްޑޯ ކެންޕޭންގައި ގަލޮޅުގެ ގެތަކަށް ޒިޔާރަތް ކުރައްވައި ޔާމީން ވަނީ އެގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފަ އެވެ.
މިއަދު ކުރިއަށް ގެންދިޔަ ޑޯޓްޑޯ ކެންޕޭންގައި ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވާ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.