ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސްލާމިކް ވިންގް އަމްނާގެ ފަރާތުން 50 މިލިއަން ރުފިޔާގެ އިސްލާމިކް ބޮންޑް (ސުކޫކް) ތައާރަފްކޮށްފި އެވެ.

އެޗްޑީއެފްސީ އިން މޫކައި ސުއިޓްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މުހައްމަދު ޝަފީގް ވިދާޅުވީ 50 މިލިއަން ރުފިޔާގެ އެއްލައްކަ ސުކޫކު އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ގަނަންލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ސުކޫކެއްގެ މޫނުމަތީ އަގަކީ 500ރ. ކަމަށާއި ވަކި ލިމިޓެއް ނެތި ސުކޫކު ގަނުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ހުޅުވާލާ ކަމަށެވެ.

"މިހާރުން ފެށިގެން ވެސް ސުކޫކަށް އެދޭ ފޯމާ އެކަމާ ގުޅޭ މައުލޫމާތް އެޗްޑީއެފްސީ ފޯރުކޮށްދޭނެ،" ޝަފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަށް އިންވެސްޓް ކުރާ ފައިސާ އަށް ލިބޭ ފައިދާގެ 65 ޕަސެންޓް ކޮންމެ އަހަރަކު ދެ ފަހަރު ސުކޫކު ގަތް ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޑީއެފްސީގެ ކޮންސަލްޓަންޓް ޑރ. އައިޝަތު މުނީޒާ ވިދާޅުވީ އެކުންފުނިން ސުކޫކަށް ލިބޭ ފައިސާ އިންވެސްޓް ކުރާނީ އިސްލާމީ ޝަރީއަތުގެ ތެރެއިން ރިބާ ނުހިމެނޭ މުއާމަލާތްތަކަށް ކަމަށެވެ. އެގޮތުން އެފައިސާތައް އިންވެސްޓްކުރާނީ ގެދޮރު އެޅުމަށް ލޯނު ދިނުމަށް ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީއެފްސީގެ ޝަރީއާ ކޮމެޓީގެ ޗެއާމަން ޑރ. ޒަކަރިއްޔާ މޫސާ ވިދާޅުވީ އެ ކޮމެޓީ އިން މަސައްކަތް ކުރަމުންދަނީ އެޗްޑީއެފްސީ އަމްނާގެ ފަރާތުންދޭ ހިދުމަތަކީ އިސްލާމީ ޝަރީއަތާއި ދީން ހުއްދަ ކުރާގޮތަކަށްދޭ ހިދުމަތްތަކަށް ހެދުމަށް ކަމަށެވެ.