11 Sep 2013, 21:35
ރާއްޖޭގެ ވިލާ ކޮލެޖާއި ޖަރުމަނުގެ ހެއިލް ބްރޯން ޔުނިވާސިޓީއާ އެކު ދިރާސާ ކުރުމުގެ ރޮނގުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ވިލާ ކޮލެޖުގައި އޮތް ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ވިލާ ކޮލުޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖުގެ ރެކްޓާރު ޑރ. އަހްމަދު އަންވަރެވެ. އަދި ހެއިލް ބްރޯންގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޓުއަރިޒަމް ފެކަލްޓީގެ ޑީން ޕްރޮފެސަރު ޑރ. ކިރިސްޓިއަން ބުއާ އެވެ.
ސޮއުކުރުމުގެ ރަސްމިއްޔާތަށް ފަހު ރެކްޓަރު އަންވަރު ވިދާޅުވީ އެ އެއްބަސްވުމަކީ ހެއިލް ބްރޯން ޔުނިވާސިޓީގެ އިންސްޓިޓިއުޓް ފޯ އެޕްލައިޑް މާކެޓް ރިސާޗާއި ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން އާ ދެމެދު ހެދުނު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުގައި ޕީއެޗްޑީގެ ޕްރޮގްރާމްތައް ފެށިގެންދާ އިރު ޕީއެޗްޑީގެ ރިސާޗްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އަންވަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުދިންނަށް ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު އެކިގޮތް ގޮތުން ވަރަށް ހަނި ވެފައިވާ ކަމަށެވެ. އަދި ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޔޫރަޕްގެ މަޝްހޫރު ކޮލެޖުތައް މެދުވެރިކޮށް ހެޔޮއަގެއްގައި ދިވެހި ކުދިންނަށް ކިޔެވޭނެ މަގުތަނަވަސް ކޮށްދިނުމަށް ކަމަށާއި އެގޮތުން މިއަދު ސޮއިކުރި ޖަރުމަނުގެ ހެއިލް ބްރޯން ޔުނިވާސިޓީގެ އެހީތެރިކަމުގެ ދަށުން ވަރަށް އަވަހަށް ރާއްޖޭގައި ތިބެގެން ދިވެހި ކުދިންނަށް ހޮސްޕިޓޭލިޓީ މެނޭޖްމަންޓްގެ ދާއިރާ އިން ޑިގްރީ ޕްރޮގްރާމް ހެދުމުގެ މަގު ހެޔޮ އަގެއްގައި ތަނަވަސްވެގެން ދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ހަކަތަ އާއި ވިޔަފާރީގެ އަދި ސިޔާސީ ދާއިރާ އިން ދެކޮޅުގެ ދަރިވަރުންނާއި މުވައްޒަފުން ތަހުގީގު ކުރަމަށް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން ދެތަނުގެ މުވައްޒަފުން ބަދަލު ކުރުމުގެ ޕްރޮގްރާމަކާއި އަންޑާ ގްރެޖުއޭޓުންނާއި ޕޯސްޓް ގްރެޖުއޭޓުން އަދި ޕީއެޗްޑީ ކުދިން ހުށަހަޅަން ޖެހޭ ދިރާސާތަކުގައި އެހީވަމުންދާނެ ކަމަށް ވެސް ވިލާ ކޮލެޖުން މައުލޫމާތު ދިނެވެ.