11 Sep 2013, 20:00
އެމްޑީޕީއަށް ތާއިދު ހޯއްދެވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރަމުންދާ ކަމަށް، ޕީޕީއެމުން ބުނެފި އެވެ.
~
ޕީޕީއެމުން އެގޮތަށް ބުނެފައި ވަނީ އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލްކުރުމަށް ވާހަކަ ދައްކާ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ދިނުމާ ގުޅިގެންނެވެ.
ނޫސްވެރީންނާ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީން އެކި ތަންތާގައި ހުޅުޖަހައި، ހިންގި ގާނޫނާ ޚިލާފު ކަންތައްތަކާ މެދު ފިޔަވަޅު އަޅާނެ ވާހަކަ ނުދައްކަވައި އެމްޑީޕީއަށް ތާއިދު ހޯއްދެވުމަށް އިލެކްޝަންސުން ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި އިސްލާމްދީނާއި ރަސޫލާއަށް ހަޖޫޖަހައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ވާހަކަފުޅު ދައްކަވާފައިވާ އިރު އެކަމާ އެއްވެސް އެއްޗެއް ވިދާޅުނުވެ، އެމްޑީޕީ އަކީ ލާދީނީއޭ ކިޔާ ސިޔާސީ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނުމަކީ އެ ކޮމިޝަންގެ މެންބަރުންގެ އިޚްލާސްތެރިކަމާ މެދު ޝައްކު އުފެދޭ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.
"ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވެސް ހުންނަވައިގެން ކަޅާހުދުން ފެންނަން އޮތް، އެކިތަންތާ އެކި ސަރަހައްދުތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާއި އަދި ރަސޫލާއަށް ހަޖޫ ޖަހައި ފާޅުގައި މިބާވަތުގެ ކަންތައްތައް ކޮށް ޚާއްސަކޮށް ޑެންމާކްގައި ހިނގައި ދިޔަ ސުޕީޗުގެ މަތިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ނިހާން ވިދާޅުވި އެވެ. "ބޭކާރު ވާހަކަ ނުދައްކަވާ ކޮންމެވެސް އެހެންކަމަކާ އުޅުއްވާ ކޮންމެ ވެސް އެހެން ގޮތަކުން އެމްޑީޕީއަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާށޭ،"
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވީ ދީން ސިޔާސީ ގޮތުން ބޭނުންކުރާ ޕާޓީތަކާ މެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، "އެގޮތަށް" އަމަލުކުރާ ސިޔާސީ ޕާޓީތައް އުވާލަން ކޯޓުތަކަށް ހުށަހަޅަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.