11 Sep 2013, 19:40
ސާފް ޗެމްޕިއަންޝީޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން އިންޑީއާ ބަލިކޮށް އަފްޣާނިސްތާން މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި އިންޑިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އަފްޣާނަށް ލަނޑު ޖަހައި ދިނީ، މެޗުގެ 10 ވަނަ މިނިޓްގައި ބެލާލް އަރޭޒޯ ތަނަވަސް ކޮށްދިން ފުރުސަތަކުން މުސްތަފާ ހަދީދް އެވެ.
ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި އަފްޣާން ޓީމުން މެޗު ކޮންޓްރޯލް ކުރިނަމަވެސް އިންޑިއާ ޓީމުން ވަނީ، ކުޅުން ވަރުގަދަކޮށް އަފްޣާން ޓީމަށް ނުރައްކާ ކޮށްފަ އެވެ. އެހެން ނަމަވެސް ފުަރަތަމަ ހާފް ނިމުނީ 1-0 އިން އަފްޣާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ކުޅުން ފެށިގެން 15 މިނިޓު ކުޅެވުނު ފަހުން އިންޑިއާ ޓީމުން ވަނީ ރަނގަޅު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން އެޓީމްގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވަޑް ސުނިލް ޗެތުރީ ކުޅެން އަރުވައިގެން އަފްޣާން ޓީމަށް އިތުރު ހަމަލާތަކެއް ކުރިމަތި ކުރުވާފަ އެވެ. އެހެން ނަމަވެސް ވަރަށް ރަނގަޅަށް ރާވައިގެން ކުޅެމުން ދިޔަ އަފްޣާން ޓީމުން ވަނީ އިންޑިއާ ޓީމް ކުރިއަށް ޖެހުނު ވަގުތު އޭގެ ބޭނުން ހިފައި، 63 ވަނަ މިނިޓުގައި ދެވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބެލާލް އަރޭޒޯ އިންޑިއާ ގޯލަށް ފޮނުވާލި ބާރު ހަމަލާ ގޯލްކީޕަރު ސުބްރަތާ ޕޯލް ދިފާއުކޮށް ބޭރަށް ފޮނުވާލި ވަގުތު އެ ބޯޅަ ދެވަނަ ފަހަރަށް ގޯލްގެ ތެރެއަށް ފޮނުވާލީ ސަންޖަރު އަޙްމަދީ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި 2011 ވަނަ އަހަރު އިންޑިއާ އަތުން އަފްޣާން ބަލިވީ 4-0 އިންނެވެ. އެހެން ކަމުން މިއީ އެޓީމަށް ބަދަލު ހިފުމަކާއެކު ލިބުނު ބޮޑު ކާމިޔާބެކެވެ. އަދި މިއީ ބޮޑު ފުޓްބޯޅަ މުބާރާތަކުން އެގައުމަށް ލިބުނު މިފަދަ ބޮޑު ފުރަތަމަ ކާމިޔާބުވެސް މެއެވެ.
"ސަން" އަށް ދިން އިންޓަވިއު އެއްގައި އަފްޣާން ޓީމަށް މިއަދު ދެވަނަ ލަނޑު ޖަހައިދިން ސަންޖަރު އަޙްމަދީ ބުނީ، އެޓީމަށް ލިބުނު މި ބޮޑު ކާމިޔާބަކީ، އެގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަމަށް ލިބިގެން ދިޔަ ބާރެއް ކަމަށާއި އަދި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.