11 Sep 2013, 16:34
އިންތިހާބުގެ ނަތީއްޖާ ގަބޫލު ނުކޮށް، ޖުމްހޫރީ ޕާޓީން ހައި ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ހައި ކޯޓުން ބަލައި ނުގަތުމުން، މިއަދު އަނެއްކާ ވެސް އެ މައްސަލަ ހައި ކޯޓަށް ވެއްދުމުން އެ މައްސަލަ ބަލައިގެންފި އެވެ.
ޖުމްހޫރީ ޕާޓީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހަލީމް އަލީ ވިދާޅުވީ މައްސަލަ ބަލައިގެން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި މައްސަލަ މިހާރު ހުށަހަޅާފައި ވާނީ ހައި ކޯޓުން ބޭނުންވާ "ޑިއު ޕްރޮސެސް" ފުރިހަމަކޮށްފައިވާ ކަމަށެވެ.
"ހައި ކޯޓުން ބޭނުންވާ ޑިއު ޕްރޮސެސް އަޅުގަނޑުމެން ފުރިހަމަކޮށް، މައްސަލަ ހުށަހެޅުމުން ރަޖިސްޓްރީކޮށް، ނިމިއްޖެ. ދެން އޮންނާނީ މައްސަލަ ޝެޑިއުން ކުރުން. އަޅުގަނޑު އުއްމީދު ކުރަނީ މާދަމާ އެ މައްސަލާގެ އަޑުއެހުމެއް ބާއްވާނެ ކަމަށް،" މުހައްމަދު ހަލީމް އަލީ ވިދާޅުވި އެވެ.
ޖޭޕީން ހައި ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓާއި ވޯޓު ފޮށިތަކުގެ ޝީޓްތައް ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދިނުމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ޖޭޕީއަށް ފ. އަތޮޅާއި ދ. އަތޮޅުގެ ވޯޓު ފޮށިތަކުގެ ލިޔުންތަކެއް ހަވާލުކޮށްފަ އެވެ. ނަމަވެސް ވޯޓުލާފައިވާ ހުރިހާ އެންމެންގެ ލިސްޓާއި ވޯޓު ފޮށިތަކުގެ ޝީޓްތަކެއް އިލެކްޝަންސް ކޮމިޝަނަކުން ހަވާލެއް ނުކުރެ އެވެ.
ހައިކޯޓުން އިއްޔެ ބުނީ ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ބަލައިނުގަތީ އިންތިޚާބާ ބެހޭ އާންމު ގާނޫނުގެ 64 މާއްދާގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް އެ ޕާޓީން ހުށަހެޅި މައްސަލަ ނުފެތޭ ކަމަށެވެ.
އިންތިޚާބާ ބެހޭ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެ ގާނޫނުގައި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ، ނުވަތަ އިންތިޚާބާ ގުޅިގެން އެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ ނުވަތަ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ މައްސަލައަކާ މެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.