11 Sep 2013, 16:33
މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ މާލޭގެ ކެމްޕޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ފެއްޓެވީ މާލެއިން 25،000 ވޯޓު ހޯއްދަވާނެ ކަމުގެ ވައުދާ އެކު އެވެ.
ނަމަވެސް ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި މުހައްމަދު ނަޝީދު ލީޑްކުރައްވާ އެމްޑީޕީ އަށް ލިބުނީ މުޅި މާލެ އަށް ވޯޓުލީ، މާލޭ މީހުންގެ 49.13 ޕަސެންޓް ނޫނީ 16،055 ވޯޓެވެ.
މާލޭގައި ވޯޓުލުމަށް ޝަރުތުހަމަވާ މީހުންގެ އަދަދަކީ 38،939 އެކެވެ. މާލެ އިން ވޯޓުލުމަށް ނުކުތީ 84 ޕަސެންޓް ނޫނީ 32،700 ވަރަކަށް މީހުންނެވެ.
މިއީ 2008 ވަނަ އަހަރަށް ފަހު މާލޭގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
ދެ ހާސް ނުވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ 11 ގޮޑީގެ ތެރެއިން ހަތް ގޮނޑި ނެގީ އެމްޑީޕީންނެވެ. އަދި ވިދިގެން އައި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 11 ގޮނޑީގެ ތެރެއިން ނުވަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވެސް އެމްޑީޕީންނެވެ.
ނަމަވެސް ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުޅުމާލެ އާއި ވިލިގިއްޔާއި މާލޭގައި، މާލޭގެ ރަށްވެހީން ވޯޓުލުމަށް ބެހެއްޓި 48 ފޮށީގެ ތެރެއިން 28 ވޯޓު ފޮއްޓަކުން އެމްޑީޕީ އަށް ވަނީ ސާފު އަޣުލަބިއްޔަތު ގެއްލިފަ އެވެ. އެމްޑީޕީ އަށް ސާފު އަޣުލަބިއްޔަތު ލިބިފައި ވަނީ 20 ފޮއްޓަކުންނެވެ.