11 Sep 2013, 16:12
އައްޑޫ ސިޓީ ފޭދޫގައި އައިޑީ ކާޑު ގަނެ ވިއްކަން އުޅުނު މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސައުތު ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫ ބައެއް ގޭގެއަށް ގޮސް އައިޑީ ކާޑު ދިނުމަށް ނުވަތަ ވަކި ވަރަކަށް ލާރި ދިނުމުން އައިޑީ ކާޑު ދިނުމަށް އެދޭ ކަމަށް ބުނާ ރިޕޯޓުތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެއް އުޅޭ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުންގެ އައިޑީކާޑުތައް ވިއްކާ ހެދުމަކީ ރިޝްވަތު ކަމަށާއި އަދި އެފަދަ މުހިންމު ޑޮކިއުމަންޓްތައް ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމެގެން ދިޔައިރު ވެސް އައިޑީކާޑުތައް ވަގަށް ނެގުމާއި އެހެން މީހުންގެ އައިޑީކާޑު ބޭނުން ކުރުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.