ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކަން ބޭނުންވާ ވެލި ތިލަފުށީ ސަރަހައްދުގައި ނެތުމުން ހިންމަފުށީ ކައިރިން ވެލި ލިބޭތޯ ބެލުމަށް ސާވޭއެއް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެޖޭޖިންގް ޑިރެކްޓަރު ޝުހެއިލް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ ތިލަފުށި އަދި ގުޅީފަޅުގެ ސަރަހައްދުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ބޭނުންވާ ވެލި ލިބޭތޯ ބެލުމަށް ކުރި ދިރާސާގެ ނަތީޖާ އިން އެނގިފައި ވަނީ އެ ސަރަހައްދުގައި އެކަމަށް އެކަށީގެންވާ ވެލި ނެތް ކަމަށެވެ. ނަމަވެސް ވެލި ލިބޭތޯ ބެލުމަށް ކަނޑައެޅި ދެ ވަނަ ސަރައްދުގައި ވެލި ހުރިތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިލަފުށި، ގުޅި ފަޅު ސަރަހައްދުގައި ހުރި ވެއްޔަކީ އެކަމަށް އެންމެ އެކަށީގެންވާ ވެލި ނޫން ކަމަށް ދިރާސާ ކުރި ފަރާތުން ވަނީ ބުނެފައި. ހިންމަފުށިން ވެލި ފެނޭތޯ ބެލުމަށް ކުރަމުން ގެންދާ މަސައްކަތް ވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މިބަލަނީ. ދެން މިހާރު ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެސް ވެލި ނުފެނިއްޖެއްޔާ އިތުރު ސަރަހައްދުތައް ވެސް ރާއްޖޭގެ ބަލާނަން،" ޝުހެއިލް ވިދާޅުވި އެވެ.

ދެވަނަ ފިޔަވަހި ހިއްކުމަށް އެވޯޑްކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްއާ އެކު ސޮއިކުރުމަށް ކަނޑައަޅާފައިވާ ޑެޑްލައިން ހަމަވެފައިވީ ނަމަވެސް ޝުހެއިލް ވިދާޅުވީ އެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރެވެން އަންނަނީ ވެލި ހޯދުމަށް ކުރަމުން އަންނަ ދިރާސާ އަށް ފަހު ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗްޑީސީން ޑްރެޖިން ކުންފުންޏަށް ހަވާލުކޮށްފައި ވަނީ 59 މިލިއަން ޑޮލަރަށެވެ. އަދި އެ މަޝްރޫއުގެ ދަށުން 240 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ތޮށިލާ ނިންމަން ޖެހޭ ކަމަށް އެއްބަސްވުމުގައިވެ އެވެ.