ރ. އަލިފުށީގައި ރެޑް ކޮރޮސްގެ ހިލޭ އެހީގައި އަޅާ ޕްރީސްކޫލާ އެކު އެ ރަށުގައި ޕްރީ ސްކޫލުގެ ޖާގައިގެ ދަތިކަން 10 ވަރަކަށް އަހަރަށް ހައްލުވާނެ ކަމަށް އަލިފުށީ ކައުންސިލަރު ވިދާޅުވެއްޖެ އެވެ.


ސަން އޮންލައިނަށް މިއަދު ހެނދުނު ދެއްވި އިންޓަވިއުއެއްގައި ކައުންސިލަރު އަލީ ޝާހިދު ވިދާޅުވީ ޕްރީ ސްކޫލުގައި މިހާރު ކުރިއަށް ދަނީ ކުލަލުމުގެ މަސައްކަތް ކަމަށާއި ވަށާފާރު ރޭނުމުން ސްކޫލުގެ މަސައްކަތް ނިމި އަންނަ ދިރާސީ އައު އަހަރަށް ޕްރީ ސްކޫލުގައި ކިޔަވައިދޭން ފެށޭނެ ކަމަށެވެ.


"އަޅުގަނޑުމެން މި އުންމީދު ކުރަނީ ފެށޭ ދިރާސީ އައު އަހަރުގައި އެތަނުގައި ކިޔަވައިދެން. އަޅުގަނޑުމެން ލަފާކުރަނީ ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރަށް ޕްރީ ސްކޫލުގެ ދަތިކަން ފިލައިގެން ދާނެކަމަށް،"  2463 މީހުން އުޅޭ ރަށާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.


އަލަށްހުޅުވާ ޕްރީސް ސްކޫލުގައި ކޮންމެ ކުލާސް ރޫމެއްގައި 40 ކުދިންނަށް ކިޔަވައިދެވޭވަރުގެ ޖާގަ އޮންނާނެ ކަމަށް އެނާ ވިދާޅުވި އެވެ.


އެ ރަށުގައި އަލަށް ހަދާ ދެ ކުލާސްރޫމުގެ ޕްރީސްކޫލް ހެދުމަށް ރެޑް ކްރޮސް އިން 514000ރ. ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށު ޕްރީ ސްކޫލަށް ހަރަދުކުރަނީ ރެޑް ކޮރްސް އިން ކަމުގައިވި އަސް އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ ރަށު ރައްޔިތުން ނެވެ.


މިހާރު އެ ރަށުގައި ހުންނަ ޕްރީ ސްކޫލުގައި ހުންނަނީ އެންމެ ކުލާސް ރޫމެ ކެވެ. އަދި އެ ސްކޫލުގެ ހާލަތު ވެސް ހުރީ ވަރަށް ވެސް ދަށް ފެންވަރެއްގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.