11 Sep 2013, 12:20
ހއ. ތަކަންދޫގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އެ ރަށަށް ފުލުހުން އަރައި ރަށުގެ ބައެއް ގޭގޭ ޗެކް ކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށަށް ފުލުހުން އަރައި ބައެއް ގެތަށް ކޯޓް އަމުރެއްގެ ދަށުން ޗެކް ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ތަކަންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަހީދު ވިދާޅުވީ މިއަދު ހެނދުނު 10:00 ޖަހާކަންހާއިރު އެ ރަށަށް ފުލުހުން ގޮސް ބައެއް ގޭގޭ ޗެކްކުރަމުންދާ ކަމަށެވެ. އަދި އެގޭގޭ ޗެކް ކުރަމުން ދަނީ ސިހުރު ހަދާ ކަމަށް ފުލުހުންގެ އިންޓެލްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ގޭގެއަށް ވަދެ ޗެކް ކުރަމުންދަނީ، ދެން އަދި ނޭންގެ، މީހަކު ހައްޔަރު ކުރި ކަމެއް ވެސް، އެއްވެސް ގެއަކުން އެއްޗެއް ފެނުންކަމެއް ވެސް،" ޝަހީދު ވިދާޅުވި އެވެ.
ފުލުހުން ވަދެ ޗެކް ކޮށްފައި ވަނީ ކިހާ އަދަދެއްގެ ގޭ ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ސިހުރު ހަދާކަމުގެ ތުހުމަތުގައި އެ ރަށަށް ފުލުހުން ގޮސްފައިވާއިރު ދާދި ފަހަކުން އެ ރަށު ސުކޫލުގައި ކިޔަވާ ހަތަރު ކުއްޖަކަށް އާދަޔާ ހިލާފު ގޮތްތަކެއް ވަމުންދާތީ މުޅި އެ ރަށުތެރެ ވަނީ ބިރުވެރި ކަމެއް އުފެދިފަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެ ވަނީ ރުޣުޔާ ހަދާ މީހެއްގެ އެހީގައި އެ ރަށު ސުކޫލުގެ ދެ ހިސާބެއް ކޮނެ އެތަންތަނުގައި ވަޅުލާފައިވާ "މުށި"ތަކެއް ވެސް ނަގާފަ އެވެ. އަދި އެތަކެތި ނެގި ވަގުތު އެކުދިންނަށް ބޮޑެތި އުނދަގޫތަކެއްވެ އާދަޔާ ހިލާފް ބާރެއް ގަޔަށް އަރައި ހަޅެއްލަވާ ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އެ ހަތަރު ކުދިންގެ ވެސް ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭގައި އަތްފައި ބުޅިވެ، އާދަޔާއި ހިލާފު ބާރެއް ގަޔަތް އަރަ އެވެ. އަދި މަރުވެފައިވާ އެމީހުންގެ އާއިލާ މެމްބަރުން ފެންނަ ވާހަކަ ރޮއެރޮއެފައި ކިޔައިދެ އެވެ. އަދި ބިރުވެރިކަމާ އެކު އެހެން މީހަކު ވެސް ފެންނަ ކަމަށް ބުނެ އެވެ. އެއީ ކާކުތޯ ސުވާލުކުރާ ކޮންމެ ވަގުތަކު އެ ކުދިން އަމިއްލައަށް ކަރުގައި އަތް އަޅަނީ ކަމަށް ބުނެ އެވެ.