11 Sep 2013, 11:16
މ. މުލީގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޮލަށް ކަތުރެއް ހަރައި ޒަހަމްކޮށްލައިފި އެވެ.
މުލީގައި ހުރި ސަންގެ މުރާސިލު ބުނީ މާރާމާރީ ހިންގައި ކަތުރު ހަރާލީ އެ ރަށު ޓައިކޫން ޕްލަސް ނަމަކަށް ކިޔާ ފިހާރައިގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްގެ ބޮލަށް ކަމަށާއި އެކަން ކުރީ އޭނާއާ އެކު މަސައްކަތް ކުރާ ބަންގްލަދޭޝްގެ އެހެން މީހެއް ކަމަށެވެ.
ޒަހަމްވީ މީހާ މިހާރު މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް މުރާސިލު ބުންޏެވެ.
"... ދެމީހުން ކުރި ޒުވާބެއް ހޫނުވެ، މާރާމާރީއަކަށް ބަދަލުވީ، ދެން އެކަކު ބޮލަށް ކަތުރެއް ހަރާލައިގެން، ދެންމެ އެގެނައީ ހޮސްޕިޓަލަށް،" އޭނާ ބުންޏެވެ.
އޭނާ ބުނީ ޒަހަމްވީ މީހާގެ ބޮލުން ފުޅާމިނުގައި އިންޗިއެއް ހުންނަވަރުގެ ތަނެއް ކަފައިގެން ގޮސްފައިވާތަން ދުށް ކަމަށާއި އެހެން ނަމަވެސް ކަތުރު ވަދެފައި ވަނީ ކިހާ ފުންމިނަކަށް ކަމެއް ނޭނގޭ ކަމަށެވެ.
މުލީގައި ބިދޭސީ ދެމީހުން މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވެސް ބުންޏެވެ. ނަމަވެސް އެހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.