11 Sep 2013, 09:48
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ގޭ ދޮށަށް އެއްވެ ޖުމްހޫރީ ޕާޓީ އިން މުޒާހަރާކޮށްފި އެވެ.
ރޭ ޖުމްހޫރީ ގުޅުމުން ބޭއްވި ޖަލްސާއަކަށް ފަހު އެތަނުގައި ތިބި ބަޔަކު ދާދިފަހުން އެ ޕާޓީއާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ފުވައްމަލުކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އިސްކޮށް ހުރެ ފެންބިލްޑިން ކައިރި ހުންނަ ފުއާދް ދިރިއުޅޭ ދޭ ގޮށަށް އެއްވެ އަޑު އުފުލާފަ އެވެ.
މާ ގިނަ ބަޔަކު އެއެއްވުމުގައި ބައިވެރިނުވި ނަމަވެސް އެއްވި މީހުން ވަނީ ފުއާދު ތައުފީގްގެ އިސްތިއުފާއަށް ގޮވާފަ އެވެ. އަދި ވޯޓް އޮޅުވާލި ކަމަށް ބުނެ އަޑު އުފުލާފައިވެ އެވެ.
އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ އިން ސުވާލު އުފައްދައި އެ މައްސަލަ ކޯޓަށް ވެސް ވަނީ ހުށައަޅައިފަ އެވެ. އަދި ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.
ކޮމަންވެލްތުން އިންތިހާބަށް ކަނޑައަޅާފައިވާ އޮބްޒާވާ ގުރޫޕުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ނިމިގެން ދިޔަ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ވަރުގެ މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އަށް ބަލާ އިރު ޖުމްހޫރީ ޕާޓީ އަށް ލިބިފައި ވަނީ 24.1 ޕަސެންޓް އެވެ. އަދި ގައުމައިގެން ކުރިއަށް ކޯލިޝަން އަށް ފަސް ޕަސެންޓް ލިބުނު އިރު ޕީޕީއެމް އިން ވަނީ 25.3 ޕަސެންޓް އަދި އެމްޑީޕީ އިން ވަނީ 45.5 ޕަސެންޓް ކާމިޔާބުކޮށްފަ އެވެ.