11 Sep 2013, 09:35
ނިއުދިއްލީ(ސެޕްޓެމްބަރު 11): އިންޑިޔާގެ ނިއުދިއްލީގައި މިދިޔަ އަހަރުގެ ޑިސެމްބަރުމަހު، 23 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށްސާބިތު ވެފައިވާތީ އެކަމުގެ އަދަބު އެމީހުންގެ މައްޗަށް މިއަދު އިއްވާނެކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިމައްސަލަބަލާ ދިއްލީގެ ކޯޓުގެ ފަނޑިޔާރު ޔޮޖޭޝް އިއްޔެ ވަނީ މި ހަތަރު މީހުންގެ މައްޗަށް ކުށްސާބިތުވާކަމަށް ޙުކުމްކޮށް އެކަމުގެ އަދަބާ ބެހޭ ހުކުމް މިއަދު އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިމައްސަލާގައި މި ހަތަރު މީހުންގެ މައްޗަށް ވެސް މަރުގެ ޙުކުމް އިއްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ދިއްލީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ހިންގި ރޭޕްކުރުމުގެ މިޖަރީމާގައި ލިބުނު އަނިޔާތަކާ ގުޅިގެން އެއަންހެންކުއްޖާ މިދިޔަ ޑިސެމްބަރު މަހުގެ 28ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި މަރުވެފައިވާ އިރު އެ ޖަރީމާއާގުޅިގެން އިންޑިޔާގެ ދައުލަތުގެ ފަރާތުން އުފުލާފައިވާ ހުރިހާ ދައުވާތަކެއް ވެސް މިހަތަރު މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. މީގެތެރޭގައި މީހުން މެރުމާއި ރޭޕް ކުރުމާއި މީހުން ވަގަށް ނެގުމާއި ހެކި ނައްތާލުމަށް މަސައްކަތް ކުރުން ފަދަ ބޮޑެތި ޖަރީމާތަކުގެ ދައުވާ ހިމެނެ އެވެ.
ކުށް ސާބިތުވި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ވަކީލުން އެމައްސަލަ އިސްތިއުނާފްކުރާނެކަން ހާމަކޮށްފައިވާއިރުކުށް ސާބިތުވި ހަތަރު މީހުންގެ ތެރޭގައި، އަންހެންކުއްޖާ ރޭޕްކުރުމުގެ ޖަރީމާ ހިންގި ބަސް ދުއްވަން އިން ޑްރައިވަރު ވެސް ހިމެނެ އެވެ.
މިޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ އެކަކު ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފަ އެވެ. އަދި މިކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވުނު 18 އަހަރު ނުފުރޭ ކުޑަކުއްޖާގެ މައްޗަށް ވެސް ވަނީ ކުށްސާބިތުވެފަ އެވެ. (ރޮއިޓާސް)