އިންތިހާބުގެ ނަތީޖާ ގަބޫލު ނުކޮށް، ޖުމްހޫރީ ޕާޓީން ފެންމަތިކުރި ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ޕާޓީން "ދެބޯގެރިއެއް ދުއްވަން" ފަށާފައިވާ ކަމަށެވެ. މަޖާޒީ ގޮތުން އެ ހަމަލާ ރައްދު ކުރެއްވީ މަހުޖަނު ގާސިމް އިބްރާހިމްގެ ޕާޓީއަށެވެ. ކަމުގެ އަސްލު އޮޅުވައިލުމަށް ބޮޑުކޮށްގެން އެހެން ވާހަކައެއް ދަނީ ކަމަށް ފުއާދު ތުހުމަތު ކުރެއްވި އެވެ. އެއީ ވަކި މީހަކު ރުއްސުމަށް، ބަޔަކު ހިތްހަމަޖެއްސުމަށް ދައްކާ ވާހަކައެއްގެ ގޮތުގައި ފުއާދު ސިފަ ކުރެއްވި އެވެ. ހަގީގަތަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް "ދެ ބޯގެރި" އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ ފެންނަނީ އެހެން ގޮތަކަށެވެ.

ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތުގެ އިސްވެރިޔާ އެފަދަ އެއްޗެއް ވިދާޅުވެވިދާނެތޯ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރެއްވުމުން އެ ދެ ބޭފުޅުން "ދެބޯގެރި" މާނަ ކުރެއްވީ ވެސް ދެ ގޮތަށެވެ. ދެ ބޭފުޅުންގެ ވާހަކަތަކުން ފަޔާޒު ވިދާޅުވި ތިޔަހެނެއް ނުކިޔޭނެ އެވެ. ފުއާދު ވިދާޅުވީ "ނޫނެކޭ! އެހެން ކިޔޭނެއޭ!" އެވެ.

ފުއާދު މާނަކުރެއްވީ މިގޮތަށެވެ. "ދެ ބޯގެރިއަކީ ކަމެއް ފޮރުވުމަށްޓަކާ އެހެން ގެރިއެއްގެ ބޯ ގެނެސް އަނެއް އަނެއް ގެރީގެ ފޫކޮޅަށް ޖަހައިގެން އޭތި މުޅި ރަށުގައި ދުވަން ފެށީމާ ހުރިހާ އެންމެންނަށް ކުޅިވަރަކަށް އެކަންވީ،" ގެރީގެ ބޯ ހުންނަން ޖެހޭނެ ތަނާއި، ރަށު ތެރޭގައި އޭތި ދުވާ ގޮތް ވެސް އަތުގެ އިޝާރާތުން ފުއާދު ކިޔައިދެއްވި އެވެ.

އޭނާ ވިދާޅުވީ "އެއްކޮށް، ކަނޑައި، ގުނަކުރަން،" ނޭނގޭ ބަޔަކު ވޯޓު ގުނާއިރު ކެންޑިޑޭޓެއްގެ ފަރާތުން އެތަނުގައި ނުހުންނާނެތީ ޖޭޕީން އެބުނާ އިތުރު 20،000 ވޯޓުގެ ވާހަކައަކީ "ހިޔާލީ ފޮލަޔަކަށް" ނޫނީ ނުވާނެ ކަމަށެވެ. އަދި އެއީ ބުއްދި ގަބޫލު ނުކުރާ ވާހަކަތަކެއް ކަމުގަ އެވެ.

"އަދިވެސް މިދަންނަ ވަނީ، އަޅުގަނޑުމެންނަކަށް ނުބުނެވޭނެ، ދެ ބޯ ގެރި ދުއްވަނީއެކޭ ހިޔާލީ ފޮލައެކޭ،" ޕްރެސް ކޮންފަރެންސްގައި ފުއާދުގެ އަރިހުގައި އިންނަވައި އެ ކޮމިޝަންގެ ނައިބު ރައީސް ފަޔާޒު ވިދާޅުވި އެވެ. އެހެން ވިދާޅުވުމަށް ފަހު ފަޔާޒުގެ ވާހަކަފުޅުގެ މިސްރާބު ބަދަލުވި އެވެ. ފުއާދަށް މަޖާޒީގޮތުން ޖޭޕީއަށް ރައްދުދެވިދާނެ ކަމަށް ފަޔާޒު ވިދާޅުވި އެވެ. އެފަދަ ބަސްތައް ބުނާ މިންވަރަށް ޖޭޕީން ޒާތީވެފައިވާ ކަމަށާއި ގާސިމް އިބްރާހިމްގެ ތަރުޖަމާން އިބްރާހިމް ހަލީލު "ވަކަރުގޭ" ކުދިން ވާހަކަ ދައްކާ ގޮތަށް ވާހަކަދައްކާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ކުރިމަތީގައި ފަޔާޒު ދެ ބޯ ގެރި ދުއްވީ އެވެ. ކުރި ސުވާލަށް ޖަވާބު ނުދީ އެހެން މީހުންގެ ގޯސް ވާހަކަ ދައްކައި، ޖަވާބުން ރެކެން މަސައްކަތް ކުރެއްވީ އެވެ.

"ތިއަށް ވުރެ މައްޗަށްދާ ވަރަށް ކަންތައްތައް މި ދިޔައީ. ޕްރޮފެޝަނަލިޒަމްއަކީ އެބޭފުޅުން ވެސް ޕްރޮފެޝަނަލްވުން،" ސިޔާސީ ބޭފުޅުން ދައްކާ ވާހަކަތަކަށް މިނެދިން ނާޅިއަކުން މިނެދެމުންދާ ކަމަށް ފަޔާޒު ވިދާޅުވާ ހަކަލަ އެވެ.

ފުއާދު ވިދާޅުވީ ވެސް އެހެންނެވެ. "މިނިވަން މުއައްސަސާއެކޭ ބުނުމަށް ފަހު އެތާންގައި ތިބޭ މުވައްޒަފުން ތުންފަތުގައި ޓޭޕްއަޅާފައި ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަނގައިން ނުބުނެ، ޖަވާބު ނުދީ ހުރުމަކީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގެ ގޮތުގައި. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ ދިމާލަށް ބުނާ އެއްޗެއްސަށް ރައްދުދޭން. އޮޅުންފިލުވާލަދޭން. އެހެންނޫނިއްޔާ މަންމަނުންގެ ގޮތުގައި އަޅުގަނޑުމެން ތިބީމައި ރައްޔިތުންނަށް އޮޅޭނެ،"

ކޮމިޝަންގެ އެންމެ އިސް ދެ ބޭފުޅުން މި މޭރުމުން ވާހަކަ ދައްކަވަނީ އެ ބޭފުޅުންގެ ދައުރު ހަމަވާން ދެ މަސް ދުވަހަށް ވެފައިވަނިކޮށެވެ. މީގެ ހަތަރު އަހަރު ކުރިން 2008 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ފަސް މެންބަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ ނޮވެންބަރުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ކަމުގައި ހުންނެވުމަށް ދެ މަހަށް ވެފައި ވަނިކޮށް، ފުއާދާއި ފަޔާޒު ތިއްބެވީ ރިސްކެއްގަ އެވެ. ވިދާޅުވާ އެއްޗަކުން ގާނޫނީ ގޮޅިއަކަށް ފެތިދާނެ އެވެ. ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ދުރުކުރި ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވެސް މަގާމުން ދުރުކުރެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ފެނިގެން އެ މެންބަރަކު ކޮމިޝަނުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރު ކަމުން ވަކިވީ އެވެ. ކޮމެޓީންއަށް ގޮތެއް ނިންމުގައި ބަލަންޖެހެނީ މެންބަރުންގެ ސުލޫކީ މިންގަނޑަށް އަމަލު ކުރިތޯ އެވެ.

ސުލޫކީ މިންގަނޑާ ހިލާފުވާ ކަންތައްތަކާ ފަޔާޒާއި ފުއާދު ކައިރި ކުރެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (7) ވަނަ ނަންބަރުގައި ބުނެފައި ވަނީ މެންބަރަކު ކުރާ ކަމަކުން ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅު ކުރާ ހިޔާލަކުން ނުވަތަ އެނޫން ވެސް އެހެން ގޮތަކުން އެމެންބަރެއްގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމާއި ކޮމިޝަންގެ މިނިވަން ކަމާއި މުސްތަގިއްލުކަމާއި އިންސާފުވެރިކާމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި އެ މާއްދާގެ ހަ ވަނަ ނަންބަރުގައި ބުނެފައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ދެކޮޅު ހެދުމަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އެ ގާނޫގައި ބުނެ އެވެ.

ނަމަވެސް ވަރަށް ހާމަކަމާއި މިނިވަން ކަމާ އެކު ބޭއްވި އިންތިހާބަކުން ތިންވަނައަށް ދިއުމުން، އެކަން ގަބޫލުނުކޮށް، ޖޭޕީން ކުރަމުން އަންނަ މުޒާހަރާއަށް ހަރުމީހުން ބުނާނީ އެއި ހަމަ ދެބޯގެރި ދުއްވުން ކަމަށެވެ.