11 Sep 2013, 09:25
ވޮޝިންޓަން (ސެޕްޓެމްބަރ 11) : އެޑޮޕްޓްކޮށްގެން ގެންގުޅުނު ދަރިފުޅަށް ކާންނުދީ ހައިހޫނުކަމުގައި ބަހައްޓައިގެން ވަރަށް އަނިޔާވެރިގޮތެއްގައި އެކުއްޖާ ގައިގާ ތަޅައި މަރާލިކަމުގެ ކުށް އެމެރިކާގެ ދެމަފިރިއެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.
އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި ދިރިއުޅޭ ދެމަފިރިން ކަމަށްވާ ކެރީ ވިލިޔަމްސް އާއި އޭނާގެ އަންހެނުން ލެރީ ވިލިޔަމްސްގެ މައްޗަށް ސާބިތުވެފައި ވަނީ އެޑޮޕްޓްކޮށްގެން ގެންގުޅުނު 13 އަހަރުގެ އަންހެން ދަރިފުޅަށް ކާންނުދީ ހައިހޫނުކަމުގައި ބަހައްޓައިގެން އެކުއްޖާގެ ހަށިގަނޑުގައި ހަރުއެއްޗަކުން ވަރަށް އަނިޔާވެރި ގޮތަކަށް ތަޅައި މަރާލި ޖަރީމާ ހިންގިކަމުގެ ކުށެވެ.
މިދެމަފިރިން މިޖަރީމާ ހިންގާފައިވަނީ ވޮޝިންޓަން ސްޓޭޓްގައި ހުންނަ އެދެމަފިރިންގެ ގޭގެ ފަހަތުގައިވާ ހުސްބިންކޮޅު (ބެކްޔާޑް)ގައި 2011 ވަނަ އަހަރުގެ މޭމަހު ގަ އެވެ. މިދެމަފިރިންނާ ބެހޭ ލިޔެކިޔުންތައް ބުނާ ގޮތުން އެމެރިކާގެ ދޮންނަސްލުގެ މިދެމަފިރިންނަކީ ދަރިން ނުލިބޭ ދެމީހުންނެވެ. އެޑޮޕްޓްކޮށްގެން ކުއްޖަކު ބެލުމަށް ޓަކައި 2008 ވަނަ އަހަރު މިދެމަފިރިން ކަޅު ނަސްލުގެ އަންހެން ކުއްޖަކު ހޯދާފައި ވަނީ އެފްރިކާގެ ފަގީރު ގައުމެއް ކަމަށްވާ އިތިއޮޕިޔާގެ ފަގީރު ޢާއިލާއަކުންނެވެ.
އޭރު އަންހެންކުއްޖާގެ އުމުރުން 10 އަހަރު ނުފުރޭކަމަށްވެ އެވެ. އެކުއްޖާ އެޑޮޕްޓް ކޮށް ދަރިއެއްގެ ގޮތުގައި ގެންގުޅުނު އިރުވެސް އެކިފަހަރުމަތިން ތަކުރާރުކޮށް އެދެމަފިރިން ގެންދިޔައީ އަންހެންކުއްޖާ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އަނިޔާ ކުރަމުން ކަމަށާ ޚާއްސަކޮށް އަންހެން ކުއްޖާ އަށް އަނިޔާ ކުރުމުގައި ފިރިހެންމީހާއަށް ވުރެ ވެސް ބޮޑަށް އަންހެންމީހާ އިސްކޮށް ހުންނަކަން ވަނީ ސާބިތުވެފަ އެވެ. މިމައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުންވަނީ މިދެމަފިރިންނަކީ ދެމުޖްރިމުން ކަމަށް ސިފަކޮށް މަރުގެ އަދަބުގެ ޙުކުމެއް އެދެމީހުންގެ މައްޗަށް ކުރުމަށް އެދެފަ އެވެ.
ނަމަވެސް މިމައްސަލަ ބެލި ޖޫރީން ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް އަންހެން މީހާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފަ އެވެ. ނަމަވެސް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ވަރަށް ފިރިހެން މީހާގެ މައްޗަށް ހެކިލިބިފައި ނުވާކަމަށް ބުނެ ޖޫރީން ނިންމީ ގަސްދުގައި ނޫންގޮތަށް މީހަކު މެރިކަމުގެ ކުށް ފިރިހެންމީހާގެ މައްޗަށް ސާބިތުވާ ކަމުގަ އެވެ. އެހެންކަމުން މިދެމަފިރިންގެ މައްޗަށްއުމުރަށް ޖަލަށް ލުމުގެ ޙުކުމެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މިދެމަފިރިންގެ ދިފާޢީ ވަކީލުން ވެސްވަނީ ކެރީ ވިލިޔަމްސް އާއި އޭނާގެ އަންހެނުން ލެރީ ވިލިޔަމްސް، އަނިޔާވެރި މައިންބަފައިންގެ ނަމޫނާ، ދެއްކި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ގަސްދުގައި އަންހެން ކުއްޖާ މެރިކަމަށް ދިފާޢީ ވަކީލުންވަނީ ދެކޮޅުހަދާފަ އެވެ.
އެމެރިކާގެ ޖިނާއީ ކުށްތަކާ ބެހޭ ތަފާސްހިސާބުތައް ދައްކާ ގޮތުންއޭޝިޔާއާއި އެފްރިކާގެ ގައުމުތަކުގެ ފަގީރު އާއިލާތަކުން ކުށެއްނެތް މައުސޫމް ކުދިން ގެނަސް އެކުދިން އެޑޮޕްޓްކޮށްގެން ދަރިންގެ ގޮތުގައި ބަލާ އެމެރިކާގެ ޢާއިލާތަކުން އެފަދަ ކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ދަރިން އެޑޮޕްޓްކުރާ އެމެރިކާގެ ޢައިލާތަކުން އެޑޮޕްޓްކުރެވޭ ކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތެރޭގައި އެކުދިންގެ ގައިގާ ޖިސްމާނީ ގޮތުން ތަޅައި އަނިޔާކުރުމާއި ހިތްދަތިކުރުވުމާއި ނަފްސާނީގޮތުން އަނިޔާދީ އަޅުންގެ ގޮތުގައި އެކުދިން ގެންގުޅުމާއި މެރުން ފަދަ ޖަރީމާތައް ހިމެނެ އެވެ.
އެމެރިކާގައި ކުޑަކުދިންނާ ދެކޮޅަށް ހިންގޭ މިފަދަ ޖަރީމާތައް އިތުރުވަމުންދާތީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން މިހާރު ގެންދަނީ އެގައުމުތަކުގެ ކުދިން އެޑޮޕްޓް ކުރުމުގެ ފުރްސަތު އެމެރިކާގެ ރައްޔިތުންނަށް ދިނުން މަނާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ދާދިފަހުން ރަޝިޔާ އިން ވަނީ ރަޝިޔާ ކުދިން އެޑޮޕްޓް ކުރުމުގެ ފުރްސަތު އެމެރިކާގެ ރައްޔިތުންނަށް ދިނުން މަނާކޮށްފަ އެވެ. (އެސޯސިއޭޓެޑް ޕްރެސް)