11 Sep 2013, 01:17
ޕީޕީއެމްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގައި ދެން ގާއިމްވެގެންދާނީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތައް ގުޅިގެން އުފައްދާ ސަރުކާރެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް "ނޫނެކޭ" މިނަމުގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތައް ގުޅިގެން އުފައްދާ ސަރުކާރެއް ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށް ކަމަށެވެ.
"އާދެ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެން ދިވެހިރާއްޖޭގައި ފެނިގެންދާނީ، އުފައްދާނީ ޕީޕީއެމް އެމްޑީއޭ އިސްވެ ތިބެ އެހެން ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭ ސަރުކާރެއް. އާދެ އެއީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭ ސަރުކާރެއް. އަޅުގަނޑުމެންގެ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށް،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުން އެންމެބޮޑަށް އެދެނީ ހަމަޖެހުން ކަމަށާއި ހަމަޖެހުން ގާއިމް ކުރެވޭނީ ރާއްޖެއަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކޮށްގެން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގިނަ ޕާޓީތައް ގުޅިގެން އުފައްދާ ސަރުކާރުން އެންމެ ބޮޑަށް ދަމަހައްޓަން ބޭނުން ވަނީ ގާނޫނުގެ ވެރިކަން ކަމަށާއި ގާނޫނުގެ ވެރިކަމަށް ނަޝީދު ވަނީ ނޫނެކޭ ވިދާޅުވެފައި ކަމަށެވެ.
"ގާނޫނުގެ ވެރިކަމަށް ރައީސް ނަޝީދު ވަނީ ނޫނެކޭ ވިދާޅުވެފައި. އެހެންވީމާ އެއީ ރައްޔިތުން އެދޭގޮތެއް ނޫން. އެއީ ރައްޔިތުންގެ ވެރިކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ދެހާސް އަށް ވަނަ އަހަރު އުފެދުނު ނަޝީދުގެ ސަރުކާރުން ފެނިގެން ދިޔައީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި މިނިވަން މުއައްސަސާތަކަށް މިނިވަންކަމާ އެކު އެމީހުންގެ ވާޖިބު އަދާކުރުމަށް ފުރުސަތު ނުދިން މަންޒަރު ކަމަށާއި އެއީ ރައްޔިތުންގެ ވެރިކަމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި މިނިވަންމުއައްސަސާތަކުގެ ބާރު ކަނޑުވާލުމުން ޕީޕީއެމް އާއި އެހެނިހެން ސިޔާސީ ޕާޓީތަކުން އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިނިވަންމުއައްސަސާތަކަށް މިނިވަންކަމާ އެކު ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް ނަޝީދުގެ ސަރުކާރުން އިޖާބާދީފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ރައްޔިތުން އެދެނީ ކޮންމެ ފަރުދަކީ ވެސް ތަނަވަސްކަމްމަތީ އުޅެވޭ މީހަކަށް ވުމާއި އަދި ހަމަޖެހިލައިގެން އަރާމުގައި ގޭގައި އުޅެވޭނެ މީހަކަށް ވުމަށް ކަމަށާއި އެކަންކަމަށް ވެސް ނަޝީދުގެ ތިން އަހަރުގެ ސަރުކާރުން ނޫނެކޭ ބުނެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެ ސަބަބަށްޓަކައި މި މަހުގެ 28 ވަނަ ދުވަހު ދިވެހިރައްޔިތުން ނަޝީދަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ އިރު ސަރުކާރުގެ މަތީ މަގާމްތަކުގައި ތިއްބަވާނީ ހަމައެކަނި ޕީޕީއެމްގެ މީހުން ނޫން ކަމަށާއި ޕާޓީއަކަށް ނިސްބަތް ނުވާ މީހަކަށް ވެސް އިޚްލާސްތެރިކަމާ އެކު ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިރޭގެ ރެލީގައި އެއްވެސް ޝަރުތަކާ ނުލައި އައިޑީޕީގެ ފަރާތުން ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ.
ޔާމީން ވިދާޅުވީ ނަޝީދަށް ނޫނެކޭ ވިދާޅުވެ ޕީޕީއެމާ އެކު މަސައްކަތް ކުރުމަށް އައިޑީޕީން ގުޅުމުން އެކަމަށް ޝުކުރު ދަންނަވާ ކަމަށާއި އެ މަނިކުފާނުގެ ވެރިކަމެއްގައި އައިޑީޕީ އަށް ވެސް ސަރުކާރުގެ މަގާމްތައް ލިބޭނެ ކަމަށެވެ.
މިރޭގެ ރެލީގައި ޖުމްހޫރީ ޕާޓީ އާއި ޑީއާރްޕީއާއިގެ އިތުރުން ގައުމީ އިއްތިހާދު ޕާޓީ އާއި އަދާލަތު ޕާޓީގެ އާންމު މެންބަރުން ބައިވެރިވެފައިވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.