ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ގާސިމްގެ ވިޔަފާރި އަށް ކުޑަ ލޮޅުމެއްވެސް އެރިޔަ ނުދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުޑަހެންވޭރުގައި އެމްޑީޕީގެ ޖަގަހައެއް ހަޅުވުމަށް ފަހު މިރޭ ނަޝީދު ވިދާޅުވީ ގާސިމް އިބްރާހިމްގެ ވިޔަފާރިއަކީ ދިވެހި ދައުލަތަށް ވަރަށް މުހިންމު ވިޔަފާރިއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވިޔަފާރިން ދިވެހި ދައުލަތަށް ގިނައިން ޓެކްސް ލިބޭ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ވެސް ގިނައިން ލިބޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ގާސިމް އިބްރާހިމް އަށް ވައުދެއްވާން ބޭނުން. އެބޭފުޅާގެ ވިޔަފާރިއަށް އިރާދަކުރެއްވިއްޔާ ކުޑަ ލޮޅުމެއް ވެސް އެރިއަކަށް އަޅުގަނޑުމެން ނުދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ގާސިމްގެ އެއްވެސް މުދަލެއް ނުވިއްކުމަށާއި އެމަނިކުފާނުގެ އެއްވެސް ކަމެއް މިވަގުތުގެ ހާސްކަންމަތީ ނުނިންމުމަށް ނަޝީދު އިލްތިމާސް ކުރެއްވެވި އެވެ. އަދި އެމްޑީޕީ ފިޔަވައި އެހެން އެއްވެސް އިތުރު ފަރާތަކަށް ގާސިމް އާއި ގާސިމްގެ މުދާ ސަލާމަތް ނުކޮށްދެވޭނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ފުރަތަމަ ބުރުގައި އެމްޑީޕީ އިން އިންތިހާބު ކާމިޔާބު ނުކުރެވުނީ އެމްޑީޕީ އިން އެ އެހެން ބައެއް ބެފުޅުންގެ ކަންކަމާ ދޭތެރޭ ވިސްނަން ޖެހުމުން ކަމަށެވެ. އޭގެ ތެރޭގައި ހާއްސަކޮށް ގާސިމް އިބްރާހިމް ހިމެނޭކަމަށް ވިދާޅުވި އެވެ. އަދި މި ވަގުތު އެމްޑީޕީގެ ވާދަވެރިންނަށް ދިމާވެދާނެ ދަތުރާ ބެހޭ ވިސްނުން ވިސްނަން މަޖުބޫރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެގައި ހަރުދަނާ ސިޔާސަތެއް ގާއިމް ކުރެވޭނީ އަދި ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ހޯދޭނީ ސުލްހަ އޮވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަކު އަނެކަކާ އަރާރުންވެ ދެބަސްބުމެއްގެ ތެރޭގައި އުޅެގެން ރާއްޖެ އަށް ތަރައްގީ ނުހޯދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.