22 Nov 2010, 06:53
ސިފައިންގެ ރިޓަޔާމެންޓް ގަވައިދުގެ ދަށުން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދީފައި ނުވާތީ އާއި ރިޓަޔާމަންޓްގެ ޝަރަފާއި ހައްގުގެ ގޮތުގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން، ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހަކު ދައުވާކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދައުލަތުގެ މައްޗަށް މި ދައުވާ ސިވިލް ކޯޓުގައި ކޮށްފައި ވަނީ ގ. ކޮނޮއްޓާ މުހައްމަދު އަހުމަދު ދީދީ އެވެ.
އޭނާގެ ދައުވާގައި ބުނަނީ ސިފައިންގެ ގާނޫނުގެ ދަށުން ހަދާފައިވާ ސިފައިންގެ ރިޓަޔާމެންޓް ގަވައިދުގައިވާ ގޮތުގެ މަތިން ސިފައިންގެ ސާޖެންޓެއްގެ ވަޒީފާ އަދާކުރުމުގެ އުމުރު ހަމަވުމަށް ފަހު ގާނޫނީ ގޮތުން ލިބޭ ރިޓަޔާމެންޓް ހައްގުގެ ދަށުން އޭނާ ރިޓަޔާކޮށްދީފައި ނުވާ ކަމަށެވެ.
ދައުވާގައި މުހައްމަދު އަހުމަދު ދީދީ ބުނެފައި ވަނީ ސިފައިންގެ ވަޒީފާގައި ޝަރަފުވެރިކަމާއެކު 30 އަހަރާއި ނުވަ މަސް ދުވަހު އުޅުމަށް ފަހު ވަޒީފާއިން ވަކިވުމަށާއި ރިޓަޔާވުމަށް ޑިފެންސް މިނިސްޓަރުގެ އަރިހުގައި ދެންނެވުމުން އޮކްޓޫބަރު1، 2009 ގައި ވަޒީފާއިން ވަކި ކުރުމަށް ފަހު ރިޓަޔާމެންޓެ ބެނެފިޓް ދެއްވާނެ ކަމަށް ލިޔުމުން ޖަވާބު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ރިޓަޔާމެންޓް ބެނެފިޓް ދެވެން ނެތް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާތީ ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޓަޔަމެންޓް ހައްގު ހޯދަން ދައުވާ ކުރީ ކަމަށެވެ.
މުހައްމަދު އަހުމަދު ދީދީއަކީ ޖުލައި5، 1979 ން ފެށިގެން ގައުމީ ދިފާއި ބާރުގައި ވަޒީފާ އަދާ ކުރަން ފެށި މީހެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޮކްޓޫބަރު1، 2009 ގައެވެ.
މުހައްމަދު އަހުމަދު ދީދީގެ ވަކީލު އަބްދުﷲ ޝިޔާޒު މިއަދު ވިދާޅުވީ ސިފައިންގެ ގާނޫނުގެ ދަށުން ރިޓަޔާ ކުރަންޖެހޭ މުވައްޒަފަކު އެ މުއްދަތު ހަމަވުމަށް ފަހު ރިޓަޔާ ނުކޮށް ވަޒީފާގައި ބެހެއްޓުން ވެސް އެއީ ކޮށްފައިވާ ގާނޫނީ ކުށެއް ކަމަށާއި މި ދައުވާގައި އެބައި ވެސް ހިމެނޭނެ ކަމަށެވެ.
މުހައްމަދު އަހުމަދު ދީދީގެ ދައުވާގައި މައިގަޑު ގޮތެއްގައި އެދިފައި ވަނީ ޝަރަފުވެރި ކަމާއެކު ރިޓަޔާކޮށްދީ ރިޓަޔާމެންޓް ހައްގުގެ ގޮތުގައި 210330ރ. އާއި އުމުރު ދުވަހަށް މަހުން މަހަށް ދޭ ފައިސާގެ އިނާޔަތް ކަމަށްވާ ކޮންމެ މަހަކަށް ލިބެންޖެހޭ 7361.55ރ. ހޯދުމަށާއި ބޭސް ފަރުވާ އާއި ޝަރަފުވެރިކަމުގެ އިނާޔާތް ހޯދުމަށެވެ.
މުހައްމަދު އަހުމަދު ދީދީގެ ފަރާތުން މި މައްސަލަ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ޖޫން22، 2010 ގައި ޓްރައިބިއުނަލް އިން ނިންމާފައި ވަނީ އެއީ ޓްރައިބިއުނަލްގައި ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.