ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް ފުލުހުން ޖާބިރު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ކޯޓު އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު މިރޭ ގެންގޮސްފައިވާ ކަމަށާއި ކޯޓު އަމުރުގައިވާ ގޮތަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ޖާބިރު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

ނަމަވެސް ފުލުހުންގެ ހައްޔަރުގައި ޖާބިރު ބަހައްޓާފައި ހުރި ވަކިތަނެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ފުލުހުންގެ ޓީމުން މިރޭ 11:20 އެހާކަންހާ އިރު ޖާބިރު ހައްޔަރުކޮށްފައި ވަނީ މާފަންނު މޫކައި ސުއިޓްސްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެވެ.

ސަންގެ ނޫސްވެރިން އެ އެޕާޓްމަންޓަށް ދިޔަ އިރު އެތަނުގެ ތެރޭގައި ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެ އެޕާޓްމަންޓުން ޖާބިރު ނެރެގެން ގެންދިޔަ ނަމަވެސް ބިޑި އަޅުވައިފައެއް ނުވެ އެވެ.

ފުލުހުންނާ އެކު ޖާބިރު ނުކުމެވަޑައިގެންނެވީ އަނބިކަނބަލުން ދިޔާނާ ސައީދާއި އޭނާގެ ލޯޔަރުންގެ ޓީމާ ވެސް އެކުގަ އެވެ. އެވަގުތު މީޑިއަށް އަށް ދެއްވި އިންޓަވިއެއްގައި ޖާބިރު ވިދާޅުވީ އޭނާ ކޯޓަށް ފިލައިގެން ނޫޅުއްވާ ކަމަށާއި ފުލުހުން ނަޔަސް އަންނަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވާނެ ކަމަށް ފުލުހުން ކައިރީގައި ވިދާޅުވެފައިވާނެ ކަމަށެވެ.

"އަޅުގަނޑު މިކަމާ ގުޅިގެން ޕީޖީއަށް ގުޅިން. އެހެންނަމަވެސް ޕީޖީ ވިދާޅުވީ މައްސަލަ އަނބުރާ ގެންދެވޭކަށް ނެތޭ. އަޅުގަނޑަކީ ކޯޓަށް ފިލައިގެން އުޅޭ މީހެއް ނޫން. އަދި އެއްވެސް އިރެއްގައި އަޅުގަނޑަށް ޗިޓް ލިބިފައެއް ނުވޭ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އޭނާ އާ އޭނާގެ އަނބިކަނބަލުން މާލޭގައި ނޫޅުއްވަނީސް ކޯޓުން ޗިޓެއް ފޮނުވި ކަމަށާއި ނަމަވެސް އެޗިޓާއި ހަވާލުވެފައި ވަނީ އެގޭގައި ގެންގުޅޭ ބިދޭސީއެއް ކަމަށެވެ.

ދައުލަތުގެ ފަރާތުން ޖާބިރުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ޖާބިރު ކޯޓަށް ހާޒިރުކުމުގެ އަމުރެއް ކޯޓުން ނެރެފައި މިވަނީ އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ޖާބިރު ކޯޓަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމާ ގުޅިގެން ޝަރީއަތް ކެންޝަލްކުރަންޖެހުމާ ގުޅިގެންނެވެ.

އެ މައްސަލާގައި ޖާބިރުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.