10 Sep 2013, 22:12
މިހާރު އޮތް ވަރަށް ވުރެ ބޮޑަށް ސަރަހައްދުގެ ފުޓްބޯޅަ އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ސާފް ކްލަބް ޗެމްޕިއަންޝިޕަކާއި 19 އަހަރުން ދަށުގެ ސާފް މުބާރާތެއް ބޭވުމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މިރޭ ނިންމައިފި އެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ އަންނަޕޫރުނާ ހޮޓެލްގައި މިރޭ ބޭއްވި ސާފްގެ އެގްޒެކެޓީވް ކޮމިޓީގެ ބައްދަދަލުވުމަށް ފަހު އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަލްބާޓޯ ކޮލާސޯ ވިދާޅުވީ ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެގޮތުގެ މަތިން ސާފް އިން މިހާރު ނިންމާފައި ވާނީ އިތުރު ދެ މުބާރާތެއް ބާއްވަން ކަނަށެވެ. އެ ދެމުބާރާތަކީ ސާކްގެ ގައުމު ތަކުގައި ބާއްވާ ސާފް ކުލަބް ޗެމްޕިއަންޝިޕް މުބާރާތާއި، 19 އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕް މުބާރާތް ކަމަށް އަލްބާޓޯ ވިދާޅުވިއެވެ.
"ސަރަހައްދުގެ ފުޓްބޯޅަ ރަނަގަޅު ކުރަންޖެހޭ. ސާފް އިން މިހާރު ނިންމާފައި ވަނީ އިތުރު ދެ މުބާރާތެއް ބާއްވަން. އެ ދެ މުބާރާތަކީ ކުރިން ވެސް ބާއްވަން މަސައްކަތްކުރި ކްލަބް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ ސާފް މުބާރާތެއް." ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލްބާޓޯ ބުންޏެވެ.
އަލްބާޓޯ ބުނީ، ސާފްއިން ބާއްވަން މިއަދު ނިންމި ދެ މުބާރާތުގެ ތެރެއިން އަންނަ އަހަރު ބާއްވަން ނިންމާފައި ވަނީ ކުލަބް ޗެމްޕިއަންޝިޕް ކަމަށެވެ. އެހެން ނަމަވެސް އެމުބާރާތް އަންނަ އަހަރު ބާއްވާނެ ތާރީހެއް މުޅިން ފައިނަލް ނުވާ ކަމަށާއި 19 އަހަރުން ދަށުގެ މުބާރާތް ބާއްވަން ނިންމީ 2015 ވަނަ އަހަރު ކަމަށެވެ.
"ސާފް ޗެމްޕިއަންޝިޕަށް ވުރެ ބޮޑު އިނާމެއް ކުލަބް ޗެމްޕިއަންށިޕަށް ދޭން ވަނީ ނިންމާފަ. ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމަށް ޕްރޮޕޯސަލެއް ހެދުމަށް ސާފްގެ މާކެޓިން ޕާޓްނަރުންނާ ވާހަކަތައް ދައްކަމުން މިހާރު ދަނީ." އަލްބާޓޯ ބުންޏެވެ.
ސާފްގެ މާކެޓިން ޕާޓުނަރުންނަކީ މަޝްހޫރު ވޯލްޑް ސްޕޯޓްސް ގްރޫޕް (ޑަބްލިއުއެސްޖީ) އެވެ.