10 Sep 2013, 22:09
ރާއްޖޭގައި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް ޓަކައި އިސްލާދީން ހަތިޔާރަކަށް ނަގައިގެން ލާދީނޭ ކިޔައިގެން ވާހަކަ ދައްކާ ފަރާތްތަކާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒު ވިދާޅުވީ ގާނޫނީ ހުކޫމަތު ރާއްޖޭގައި ގާއިމު ކުރުމަކީ އެ ކޮމިޝަންގެ ވެސް ޒިންމާއެއް ކަމަށާއި އެހެން ކަމުން ސިޔާސީ ޕާޓީއަކުން ވިޔަސް އިސްލާމްދީން ހަތިޔާރަކަށް ނަގައިގެން ލާދީނޭ ކިޔައިގެން ވާހަކަ ދައްކާ ސިޔާސީ ޕާޓީތަކުގެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އެ ޕާޓީއެއް އުވާލާނެ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު މިފުރުސަތުގައި ދަންނަވަން ބޭނުން. ގާނޫނީ ހުކޫމަތު ކުރިއެރުވުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރާނެ. އަދި ދީނޭ ކިޔައިގެން ލާދީނޭ ކިޔައިގެން ވާހަކަ ދައްކައި މި އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ވާހަކަ ދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ކުރާނެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ވާޖިބެއް. އަދި ޕާޓީއަކުން އެކަން ކުރާކަމަށްވާ ނަމަ އެ ޕާޓީއެއް ގާނޫނީ ގޮތުން ބަލަން ޖެހޭ ބެލުންތައް ބަލާފައި ހުށަހަޅަން ޖެހޭ ހިސާބަށް ހިނގައްޖިއްޔާ ޝަރުއީ ކޯޓުތަކަށް މައްސަލަ ހުށަހަޅާނަން. އެފަދަ ޕާޓީތައް އުވާލަން. ސަބަބަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އެބަ ބުނޭ އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން އެއްވެސް ފަރާތަކަށް މަސައްކަތެއް ނުކުރެވޭނެއޭ،" ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒް ވިދާޅުވީ އިސްލާމްދީނަކީ ކޮން އެއްޗެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ކަމަށާއި އެހެން ކަމުން "ވަކިމީހަކު އިސްލާމްދީން ހައިޖެކްކޮށްގެން، ހޮސްޓެޖު ކޮށްގެން" އެއްވެސް މީހަކަށް އިސްލާމްދީން ބޭނުމެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމްދީނަކީ ވަކި ތަނެއްގައި ހުރި "ޝޭހަކަށް" ބާއްވައި ލެއްވި ދީނެއް ނޫން ކަމަށާއި އެއީ މުޅި އުއްމަތަށް ބާއްވައި ލެއްވި އެއްޗެއް ކަމަށެވެ. އެހެން ކަމުން އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ގޮތުން ވާހަކަ ދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެ ކޮމިޝަން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ކޮމިޝަންގެ ނައިބް ރައީސް ފަޔާޒް ވިދާޅުވި އެވެ.
އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަންތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ފަޔާޒް ވިދާޅުވީ ސިޔާސީ އެއްވެސް ފަރާތަކުން އިސްލާމްދީނަށް ފުރައްސާރަކޮށްފި ނަމަ އަދި އެފަދަ ގޮތަކަށް ވާހަކަ ދައްކައިފި ނަމަ ވަގުތުން އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.