ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ޖާބިރު ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ޖާބިރު ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ޖާބިރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކޯޓުން ފުލުހުންގެ މައްޗަށް ނެރެދީފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން ޖާބިރުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ޖާބިރު ކޯޓަށް ހާޒިރުކުމުގެ އަމުރެއް ކޯޓުން ނެރެފައި މިވަނީ އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ޖާބިރު ކޯޓަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމާ ގުޅިގެން ޝަރީއަތް ކެންޝަލްކުރަންޖެހުމާ ގުޅިގެންނެވެ. އެ މައްސަލާގައި ޖާބިރުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ޖާބިރުގެ އިތުރުން އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލު،37،ގެ މައްޗަށެވެ.

އެ މައްސަލާގައި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކޮންމެ މީހަކު 15 އަހަރަށް ޖަލަށްލުމާ އެކު 25،000ރ. އިން ފެށިގެން 500،000ރ.އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. އެގޮތަށް ބަޔާން ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ)ގަ އެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މައްސަލައެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އެއް އަހަރާއި ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ.ގައިވެ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ.