10 Sep 2013, 21:45
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރަށް ދެ ދުވަހަށް ވެފައިވަނިކޮށް، ހދ. ކުޅުދުއްފުށީގައި ވޯޓް ކަރުދާސްކޮޅުތަކެއް ޕްރިންޓް ކުރި މައްސަލައެއް ފުލުހުން ބަލައިން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލަ އެއް ފުލުހުންނަށް ކުޅުދުއްފުށިން ރިޕޯޓް ކުރުމާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
ކުޅުދުއްފުށިން ސަން އަށް ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މިފަހަރުގެ އިންތިހާބުގައި ބޭނުންކުރި ވޯޓް ކަރުދާސް ކޮޅުތަކާ އެއްވެސް ތަފާތެއް ނެތް އެ ކަރުދާސް ކޮޅުތައް ޕްރިންޓްކޮށްފައި ވަނީ އެ ރަށުގައި ހުންނަ އެމްއޯސީ ކިޔާ ބުކްޝޮޕެއްގެ ޗާޕް ބައިގަ އެވެ.
ވޯޓް ކަރުދާސްކޮޅުގެ 15 ކަރުދާސްކޮޅު ޗާޕްކުރުމަށް ފަހު ލެމިނޭޓްކޮށްގެން 15 ރަށަކަށް އެ ކަރުދާސް ކޮޅު ފޮނުވާފައިވާކަން އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފެންއަކަށް އަޅައިގެން އެ އެއްޗެހި ޕްރިންޓް ކުރަން ގެންދިޔައީ މިރަށުގައި އިސްކޮށް އުޅޭ އެމްޑީޕީގެ އެކްޓިވިސްޓެއް. އޭނާ އެ އެއްޗެހި ޕްރިންޓް ކުރުމަށް ފަހު އެ ކަރުދާސްތައް ލެމިނޭޓްކޮށް 15 ރަށަކަށް ފޮނުވާފައިވޭ. އެ މައްސަލަ މިރަށުގައި ހުންނަ ކޮމްޕްލެއިންސް ބިއުރޯއިން ބެލުމަށް ފަހު ވަނީ ފުލުހުންނަށް ހުށަހަޅައިފައި،" އެމީހާ ބުންޏެވެ.
އެމީހާ ބުނީ ކަރުދާސްކޮޅުތައް ޕްރިންޓް ކުމަށް ބޭނުން ކުރި ސޮޕްޓް ކޮޕީ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ އިރު އަނެއް މައްސަލައަކީ އެމީހާ އެތަކެތި ޕްރިންޓް ކުރުމުގެ ކުރިން އެރަށުގައި ހުންނަ އިލެކްޝަންސްގެ ބިއުރޯގެ އޮފިޝަލެއް ކުރިން ކަރުދާސްކޮޅުތައް ހުންނަނީ ކުލަކޮށްތޯ އަހާފައިވާ ކަމަށެވެ.
"އެމައްސަލާގައި ހެކި ބަސްދޭނެ ކަމަށް އިލެކްޝަންސްގެ އޮފިޝަލަކު ވެސް ވަނީ ބުނެފައި،" ކުޅުފުއްފުށިން އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުގައި އިސްކޮށް އުޅުނު އެ މީހާ ބުންޏެވެ.
މިފަހަރު ބޭއްވި ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގެ ވޯޓް އޮޅުވާލައިފައިވާ ކަމަށާއި އިންތިހާބްގައި ބޮޑެތި މަކަރާއި ހީލަތްތަކެއް ހަދާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބްގެ ނަތީޖާ ބަލައިނުގެންނާނެ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަ އެޕާޓީން ހައިކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ހައިކޯޓުން ވަނީ ޖޭޕީން ހުށަހެޅި އެމައްސަލަ ބަލައިނުގެތް ބޭރުކޮށްލައިފަ އެވެ.