ކުރިއަށް އޮތް ނުވަވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2015 ވަނަ އަހަރު އިންޑިއާގައި ބާއްވަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމައިފި އެވެ.

މުބާރާތް ބާއްވާނޭ ގައުމެއް ކަނޑައަޅާފައިވަނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ އަންނަޕޫރުނާ ހޮޓެލްގައި ދާދި ދެންމެއަކު ބޭއްވި ސާފްގެ އެގްޒެކެޓީވް ކޮމިޓީގެ ބައްދަލުވުމުަ އެވެ.

ސާފް އެކްސްކޯގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ، އަހްމަދު ނާސިރު އެވެ.

ސާކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އިންޑިއާގައި ބާއްވާ މިއީ ތިންވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތް ނޭޕާލުގައި މިހާރު ކުރިއަށްދާއިރު 2011 ވަނަ އަހަރުވެސް މުބާރާތް ބާއްވާފައިވަނީ އިންޑިއާގަ އެވެ.

ސާފް އިން ބުނީ މުބާރާތް އިންޑިއާގައި ބާއްވަން ނިންމީ އެ މުބާރާތުގެ މެއިން ސްޕޮންސާ ވޯލްޑް ސްޕޯޓްސް ގްރޫޕް (ޑަބްލިޔުއެސްޖީ)އާ ސާފް އާ ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން ކަމަށެވެ.