ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ އެކު ޕީޕީއެމްއިން މިރޭ ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖުމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ އެ ޕާޓީ އިން މިރޭ ކުރިއަށްގެންދާ އެ ހަރަކާތުގައި ރައީސް ޑރ. ވަހީދުގެ އިތުރުން ގިނަ އަދަދެއްގެ ވަޒީރުން ވެސް ބައިވެރިވާނެ ކަމަށެވެ.

"މިރޭ ޕީޕީއެމް އިން އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދާ އެ ހަރަކާތުގައި ރައީސް ޑރ. ވަހީދާއި ގިނަ ވަޒީރުން ވެސް ބައިވެރިވާނެ،" މަހުލޫފް ވިދާޅުވި އެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ގިނަ ޕާޓީތަކަކާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެކަންތައް އަދި ވަނީ "ރަސްމީކޮށް އިއުލާން ކުރެވޭ ހިސާބުގައި ނޫން ކަމަށް" ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރޭ ފަށާ ހަރަކާތަކީ "ނޫނެކޭ"ގެ ނަމުގައި ރައީސް މުހައްމަދު ނަޝީދު ހިންގާފައިވާ ޖަރީމާތަކާއި ދެކޮޅަށް ފަށާ ހަރަކާތެއް ކަމަށެވެ.