ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓާއި ވޯޓު ފޮށިތަކުގެ ޝީޓްތައް ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ޖުމްހޫރީ ޕާޓީ މަސައްކަތް ކުރަމުންދަނިކޮށް، އިންތިހާބުގެ ބައެއް ލިޔެކިޔުންތައް ޖުމްހޫރީ ޕާޓީއާ ހަވާލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ޖުމްހޫރީ ޕާޓީން އެދުނީ ފ. އަތޮޅާއި ދ. އަތޮޅުގެ މީހުންގެ ވޯޓު ލިސްޓާއި ވޯޓު ފޮށިތަކުގެ ޝީޓްތަކުގެ ކޮޕީއެއް ހޯދުމަށެވެ. އަދި އެ ޕާޓީން އެދުނު ގޮތަށް މިއަދު ހަވީރު އެބޭފުޅުންނާ އެ ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބޭފުޅުން ތުހުމަތުތަކެއް ކުރިއަށް ވޯޓުފޮއްޓަށް "އަތްބާނައި" ކަންތައްކެއް ކުރުމަށް ރާއްޖޭގެ ގާނޫނުތަށް މިހާރު ފުރުސަލެއް ނުލިބޭނެ ކަމަށާއި އެހަކަލަ އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ނުކުރެވޭނެ ކަމަށް އަލީ މުހުމައްމަދު މަނިކު ވިދާޅުވި އެވެ.

"..އެ ބޭފުޅުން އެހާބޮޑަށް ރޭގައި އަޅުގަނޑުމެންނަށް ފާޑުކިޔައި، ތަގުރީރު ކުރައްވަމުން ވަޑައިގަތީ މިހިރީ މިހާރު ވެސް މިފައިލު މިއަދު މެންދުރުފަހު ދ. އަތޮޅާއި ފ. އަތޮޅުގެ ލިބުނީމައި އަޅުގަނޑުމެން ވެރިފައިކޮށްފައި ބަލާފައި އޭގެ ފޮޓޯކޮޕީއެއް ނަގާފައި އެ ޕާޓީއަށް ދާދިދެންމެއަކު މިހަވާލު ކުރީ،" އަލީ މުހައްމަދު މަނިކު ވިދާޅުވި އެވެ.

އިލެކްޝަންސްގެ ނައިބު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ބެހެއްޓި 470 ވޯޓު ފޮއްޓަށް ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓު ފޮށިތަކުގެ ޝީޓްތައް ހޯދުމަށް ޖޭޕީން އެދުނު ކަމަށާއި ނަމަވެސް އެ ހުރިހާއެއްޗެއް ދެވޭނީ ޝަރީއަތް އަމުލެއް ނުވަތަ ހުކުމެއްކޮށްގެން ކަމަށެވެ. އެ ހުރިހާ ލިޔުންތައް ހޯދުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ބުނެފައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ޖޭޕީގެ މައްސަލަ ނުފެތޭތީ އެ މައްސަލައެއް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.