ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓާއި ވޯޓު ފޮށިތަކުގެ ޝީޓްތައް ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.

ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ވޯޓުލާފައިވާ މީހުންގެ ލިސްޓާއި ފޮށިތަކުގެ ނަތީޖާ ޝީޓްތައް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިއުތިރާޒްކޮށްފައިވާ ކަމަށް ބުނެ އެ ލިޔުންތައް ދިނުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.

ހައިކޯޓުން ބުނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައި ވަނީ އެއީ އިންތިޚާބާ ބެހޭ އާންމު ގާނޫނުގެ 64 މާއްދާގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ ކަމަށެވެ.

އިންތިޚާބާ ބެހޭ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެ ގާނޫނުގައި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ ގުޅިގެން އެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭނަމަ ނުވަތަ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައަކާ މެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.