10 Sep 2013, 15:58
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓް މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމަހު ލިބުނު އާމްމުދަނީއަށް ވުރެ 52.5 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީ 463.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރު އެ މަހު ވަނީ 976 މިލިއަން ރުފިޔާ ލިބިފަ އެވެ. އެހެން ކަމުން އެއީ މިދިޔަ އަހަރު އެމަހާއި އަޅާބަލާ އިރު 52.5 ޕަސެންޓްގެ ދަށް ވުމެކެވެ.
އެ އިދާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 16.6 މިލިއަން ޑޮލަރަށް އަރަ އެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ންނެވެ. ބީޕީޓީގެ ގޮތުގައި 91 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު އެމަހު ލިބިފައިވަނީ 666 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ މަހު ޖީއެސްޓީގެ 225 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 25 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ އޮތޯރިޓީ އަށް އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބިފައި ވަނީ ފަސް ބިލިއަން ރުފިޔާ އެވެ.