ފަސް ރުފިޔާގެ ނޫޓުތަކުގެ ތެރެއިން ސަލާމަތީ ރޮދިފަށުގައި ޑިޒައިނެއް ކުރަހާފައި ހުންނަ ނޫޓުތަކަކީ ވަގުނޫޓެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ފަސް ރުފިޔާގެ ވަގު ނޫޓުތަކެއް ދައުރުވެވަފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަލާމަތީ ރޮދިފަށް ދެ ގޮތަކަށް ހުންނަ ނޫޓުތަކެއް ޗާޕްކޮށްފައިވާނެ ކަމަށެވެ. އެގޮތުން ބައެއް ނޫޓުތަކުގެ ސަލާމަތީ ރޮދިފަށުގައި "MMA MMA" ހިމަނާފައިވާ އިރު އަނެއްބައި ނޫޓުތަކުގެ ސަލާމަތީ ރޮދިފަށުގައި ހުންނާނީ ޑިޒައިނެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ސަލާމަތީ ރޮދިފަށުގައި ޑިޒައިނެއް ކުރަހާފައި ހުންނަނީ އެމްއެމްއޭ އިން 2011 ގައި ޗާޕްކުރި ފަސް ރުފިޔާގެ ނޫޓުގައި ކަމަށާއި އެ ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.